ޚަބަރު
ފުވައްމުލައް ސިޓީގައި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ފުވައްމުލައް

ފަރުދުން
06 އޯގަސްޓު 2025، 10:53
06 އޯގަސްޓު 2025، 10:53
ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިއެވެ.
"އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފުވައްމުލައް ސިޓީގައި، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަމުގައެވެ. އަދި މި ޙާދިސާގައި ނިޔާވި ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) August 6, 2025
ފުވައްމުލައް ސިޓީގައި، ރޭ ހިނގި އެކްސިޑެއްޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު.
މި ޙާދިސާގައި ނިޔާވި ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން.…
ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ 17 އަހަރުގެ ޒުވާން ފިރިހެއް ކުއްޖެކެވެ.
މި ހާދިސާގައި އިތުރު ވެހިކަލެއް ނުހިމެނެއެވެ. އެކްސިޑެންޓު ހިނގީ، ނިޔާވި ކުއްޖާ ހުސްނުހީނާ މަގުން ދުއްވާފައި ދަނިކޮށް ސައިކަލު ފާރުގައި ޖެހުމަށްފަހު، ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތީގެ ހޮޅިދަނޑީގައި ޖެހިގެންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، ރޭ މެންދަމުން އަލިވެ 3:40 ހާއިރެވެ.
ކުއްޖާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.