ޚަބަރު
ވައިބަރއިން ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރަން އެދިއްޖެނަމަ ފޯނުން ގުޅައި ކާކުތޯ ޔަގީންކުރުމަށް ފުލުހުން އެދިއްޖެ

ވައިބަރ: ފޮޓޯ- އިންޓަރނެޓް

ފަރުދުން
10 އޯގަސްޓު 2025، 10:56
10 އޯގަސްޓު 2025، 10:56
ވައިބަރއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވިދާޅުވީ، ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށެވެ. އެގޮތުން ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ވައިބަރ ސެޓިންގްސްއިން "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓްކުރެއްވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ފުލުހުން ވިދާޅުވީ އޮންލައިން މުޢާމަލާތްތަކުގައި ރަސްމީ އަދި ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށާއި ކޮންފަރާތެއްކަން ނޭނގޭ ބޭރު ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތަކަށް ގުޅާފައި އަންނަ ކޯލްތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތައް ބްލޮކް ކުރުން މުހިންމު ކަމުގައެވެ.
އަދި ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސަންސް ލިބިފައިވާ މަނީ އެކްސްޗޭންޖް ތަންތަނާއި ބޭންކުތައް މެދުވެރިކޮށް މުޢާމަލާތް ކުރުމާއި އޮންލައިން ޕްލެޓްފޯމްތަކުގައި ދެވޭ އަގުތަކާއި ޑިސްކައުންޓްތައް މާކެޓް ރޭޓާ އަޅާކިޔުމުގެ އިތުރުން އާދަޔާ ޚިލާފަށް ކުޑަ އަގެއްގައި ތަކެތި ވިއްކާނަމަ އިތުރަށް ބެލުމަށްވެސް ފުލުހުން ވަނީ ނަޞޭޙަތްތެރިވެފައެވެ.
ފުލުހުންގެ އިތުރުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށާއި،ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.