ޚަބަރު
ހުވާ ނުކުރާ ކަމަށްބުނި ފުލުސްމީހާގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އުފުލަންޖެހޭ: އާޒިމާ

އާޒިމާ ޝަކޫރް: ފޮޓޯ- ވަން އޮންލައިން

ފަރުދުން
10 އޯގަސްޓު 2025، 03:38
10 އޯގަސްޓު 2025، 03:38
ހުވާ ނުކުރާ ކަމަށްބުނި ފުލުސްމީހާގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އުފުލަންޖެހޭކަމަށް ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލާ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، ސާޖިދުގެ މައްޗަށް މަކަރާއި ހީލަތުގެ ދަޢުވާއެއް އުފުލަން ޖެހޭނެ ކަމަށެވެ. މިކަމާ ގުޅިގެން އާޒިމާ މީޑިއާއަކަށް ވިދާޅުވެފައިވަނީ، އަނގަބަހުން ހުވާނުކުރި ކަމަށް ސާޖިދު ބުނި ނަމަވެސް، ހުވާގައި ސޮއިކުރުން ވާނީ ހަމަ ހުވާކުރުމަށް ކަމަށެވެ. އެހެންވެ، ސާޖިދުގެ މައްޗަށް ދެވަނަ ދައުވާއެއް އުފުލަން ޖެހޭނެ ކަމަށް އާޒިމާ ގަބޫލުކުރައްވާކަމަށެވެ. ހަމައެއާއެކު އޭނަ ދިޔައީ ރައްޔިތުންގެ ކުރިމައްޗަށް ޔުނިފޯމު ލައިގެން، ސޮއިކޮށްގެން މުސާރަ ނަގައިގެން ކަމަށާއި ގާނޫނީ އެތައް ޒިންމާއެއް އަދާކުރީ ހުވާނުކޮށް ހުރެގެންކަންވެސް އާޒިމާ ފާހަގަ ކުރައްވާފައިވެއެވެ.
އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ. ސާޖިދު އަކީ ތިނަދޫ ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ މި މައްސަލައާއި ގުޅިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.
ސާޖިދު ވޭޕް ގެންގުޅެ އެތަކެތި ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިނގިރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވެއެވެ. އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށް ތިނަދޫ ކޯޓުގެ ނިންމުން ބަދަލުކުރަން އެދިފައެވެ.
ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތް ކަމަށް ބަލައި ބަންދުން ދޫކޮށްލިޔަސް އީ-ސިނގިރޭޓަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށާއި އެ ގެންގުޅޭ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ކަމަށް ދައުލަތުން ވިދާޅުވެފައި ވެއެވެ. ނަމަވެސް ސާޖިދު ފުލުުހުންގެ ހިދުމަތުގައި ހުއްޓަސް ދައުލަތުން ބުނާގޮތުން ސާޖިދު ހުވާކޮށްފައިނުވާ ކަމަށާއި ސާޖިދަކީ ޕޮލިސް ޔުނީފޯމް އަޅާ މީހެއް ނޫން ކަމަށާއި ހުވާކުރަން އޮތަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ވެސް ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.
ނަމަވެސް ފަހުން ސާޖިދު ވަނީ އަމިއްލައަށް އަނގަބަހުން ކޮންސްޓަބަލަރީގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތް ކަމަށާއި އެތަނަށްހާޒިރުވީކަމަށްވެސް އަނގަބަހުން އެއްބަސްވެފައެވެ. ޝަރީޢަތުގެ މަޖިލީހުގައި ސާޖިދު ބުނެފައިވަނީ އެދުވަހު ރަސްމިއްޔާތަށް ގޮސް "ހަމަ ހުރީ މިހެން" ކަމަށާއި ހުވާއެއްވެސް ނުކުރާކަމަށެވެ. އަދި އެ ދުވަހު އޭނާ ރަސްމިއްޔާތަށް ގޮސްފައި ކުޑަކޮށް ބިރުގަތީ ކަމަށްވެސް ބުނެފައިިވެއެވެ.
"އެއީ ﷲ ގަންދީ ކުރަން ޖެހޭ ހުވައެއްވީމާ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމާ" ޝަރީއަތުގެ މަޖިލީހުގައި ސާޖިދު ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ސާޖިދުގެ ވަކީލާ ސުވާލުކުރުމުން ވަކީލު ބުނެފައިވަނީ ހުވާކުރުމުގެ ރަސްމިއްޔާތައް ނުދާކަމަށް ސާޖިދު ބުނެފައިިވާކަމަށެވެ. މި މައްސަލައިގެ އަޑުއެހުން ނިމިފައިވާއިރު ހުކުމް ކުރުމަށް ބާއްވާ ޝަރީޢަތް ތާވަލުކުރުމަށްފަހު ފަހުން އަންގާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައި ވެއެވެ.