ޚަބަރު
މަޖިލީހުގެ މި ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުން ފާސްކޮށްފި

މަޖިލިސް އިދާރާ

ފަރުދުން
12 އޯގަސްޓު 2025، 12:54
12 އޯގަސްޓު 2025، 12:54
ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން އަހަރުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތު އެއް ހަފްތާއަށް ދަންމާލުމުން މިއަހަރުގެ މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައުރު ދަންމާލުމަށް ފާސްކޮށްފައި ވަނީ މިއަދުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުން ވޯޓުންނެވެ. މިކަމަށް ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދައުރު ދަންމާލަނީ މުހިންމު މަސައްކަތްތަކެއް ނިންމަން ކަމަށާއި އެއީ ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކެއް ކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެއީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކުރިއަށްދާ ފުރަތަމަ ދައުރުގެ ޖަލްސާތަކާއި، ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ދެވަނަ ދައުރުގެ ޖަލްސާތައް އަދި އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ތިންވަނަ ދައުރުގެ ޖަލްސާތަކެވެ. މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ.