ޚަބަރު
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ބަންޑާރަ ނައިބު އަހްމަދު އުޝާމް. ފޮޓޯ:ދައުރު
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މި ބިލު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ޖޫން މަހު ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމެވެ. މީގެ އިތުރުން އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާޙްކުރުމަށްވެސް މި ބިލުގައި ހިމެނިފައިވެއެވެ.
ފާސްކުރެވުނު ބިލުގައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރާތަކާ ގުޅޭގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތައް ބޭނުންކުރުމާގުޅޭ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށް ހިނގާނެކަން ކަނޑައެޅުން ހިމެނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭނެކަންވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާޙުގެ ދަށުން ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކާއި، އެހެނިހެން މުވައްޒަފުންގެ މަޤާމުތައް ހިމެނޭ އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޤާނޫނީ ވަކީލުންނާއި ލީގަލް ސަޕޯޓް ސަރވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ބަންޑާރަނައިބުގެ އޮފީހުން މީގެ ކުރިންވެސް ވަނީ އެ އޮފީހުގެ ޤާނޫނަށް އިތުރު އިސްލާޙުތަކެއް ގެންނަން ޖެހޭކަމަށް ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަންޖެހޭކަމަށް އެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.