Ads by Stelco

ޚަބަރު

މާޅޮހުގެ ތަރައްޤީއަށް ވެވުނު ވަޢުދުތަށް އިޚްލާޞްތެރިކަމާއެކު ފުއްދާނަން: ރައީސް

މާޅޮހުގެ ތަރައްޤީއަށް ވެވުނު ވަޢުދުތަށް އިޚްލާޞްތެރިކަމާއެކު ފުއްދާނަން: ރައީސް

މާޅޮހުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ.

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 12:06

14 އޯގަސްޓު 2025، 12:06

ބ. މާޅޮހުގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކު ފުއްދަވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފަހު މަންޒިލު ކަމުގައިވާ އެއަތޮޅު މާޅޮހު ރައްޔިތުންނާ މުޚާޠަބުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގަތް ބައެއް މަޝްރޫޢުތައް މިހާރު ވެސް ކުރިއަށް ދާ ކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ތަރައްޤީކުރަމުންދާ މާޅޮހު ބަނދަރުގެ މަސައްކަތް އިތުރު ހަލުވިމިނަކަށް ގެންދެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، އެރަށުގައި ފަށައިގެން ކުރިއަށް ދާ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ވެސް އެންމެ ފުރިހަމަ ގޮތުގައި ނިމިގެންދާނޭ ކަމުގެ ޔަޤީންކަން ރައީސް އެރުއްވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދެމަޝްރޫޢު ނިމެމުން އަންނަ ވަރަކަށް، މާޅޮހު އިންޖީނުގެ ބަދަލުކުރެވި، އެރަށު ރަށްގިރުމުގެ މައްސަލަ ޙައްލުކުރެވިގެން ދާނެއެވެ.

މިހާރު އެރަށުގައި ފެށިފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ މަސައްކަތް ހިމެނެއެވެ. މީގެ ހަފުތާއެއް ހައި ދުވަސް ކުރިން މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ އިރު، މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ފެންވަރާ އެއްގޮތަށް ލިބެން ހުންނާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެރަށުގައި މިހާރު ކުރިއަށް ދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ފާހަގަކުރައްވައި، އެމިސްކިތުގައި ސޯލަރ ޕެނަލް އިން ހަކަތަ ލިބުމުގެ އިތުރުން، ކުތުބުޚާނާއާއި، ޤުރުއާން ކިލާސް ފަދަ މުހިންމު ވަސީލަތްތަކެއް ލިބިގެންދާނޭކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މާޅޮހުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަނަލް ސެންޓަރ އާއި އައުޓްޑޯރ ޖިމް ގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ދާނޭ ކަމަށެވެ. މިފަދަ މުހިންމު ވަސީލަތްތައް ޤާއިމުކުރެއްވުމުގައި ރަށުގެ އާބާދީއަށް ނުބައްލަވާ ކަމަށާއި، ދިވެހި ރައްޔިތުންގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ އަސާސީ ފަލްސަފާކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، މާޅޮހު ސްކޫލު ތަރައްޤީކުރުމުގެ މަޝްރޫޢާއި، އެރަށު މަގުހެދުމުގެ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެދެމަސައްކަތް ކުރިއަށް ގެންދެވޭނީ ރައްޔިތުން އެދޭ ގޮތަކަށް، ރައްޔިތުންގެ ލަފަޔާއި ޚިޔާލާ އެކުގައި ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެރަށު ސްކޫލު ތަރައްޤީ ކުރުމުގެ ތެރޭގައި މަލްޓިޕަރޕަސް ހޯލެއް ބިނާކުރުމާއި، ކިލާސްތައް އިތުރުކުރުމާއި، ސައެންސް ލެބެއް ބިނާކުރުމާއި، ސްޓާފް ރޫމެއް ބިނާކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، މާޅޮހު ރައްޔިތުން އެމަނިކުފާނަށް ދިން މަރުޙަބާއަށް ޝުކުރުދެންނެވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް، މިއެންމެހައި މަޝްރޫޢުތައް، ވީހައި ވެސް އަވަހަކަށް ނިންމަވާލެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން