ޚަބަރު
މާޅޮހުގައި ބިނާކުރާ 500 ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

މާޅޮހުގައި ބިނާކުރާ 500 ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން.

ފަރުދުން
14 އޯގަސްޓު 2025، 03:25
14 އޯގަސްޓު 2025، 03:25
ބ. މާޅޮހުގައި ބިނާކުރަން ހަމަޖެހިފައިވާ އައު މިސްކިތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި، މިސްކިތުގެ ބިންގާ އަޅުއްވައި މަސައްކަތް ފައްޓަވައިދެއްވީ، އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދެވެ. އެމަނިކުފާނުގެ އަރިހުގައި، އެމްޓީސީސީ ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި މާޅޮހު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝުޖާޢު ބައިވެރިވެވަޑައިގެންފައިވެއެވެ.
މާޅޮހުގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާ ގުޅޭގޮތުން އިސްލާމީ ކަންކަމާ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ މިސްކިތް ނިމޭއިރު ސޯލަރ ޕެނަލް ހަރުކުރެވި މުޅި މިސްކިތް އޭސީ ކުރެވިގެންދާނޭ ކަމަށެވެ. ހަމައެހެންމެ، މިސްކިތުގައި ޤުރުއާން ކިޔަވައިދޭ ކިލާސްތަކާއި، އިތުރު ވަސީލައްތައް ވެސް ޤާއިމްކުރެވިގެން ދާނޭކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
"މިފަހުން ބިންގާ އެޅިގެންދާ މިސްކިތްތަކަކީ މުހިއްމު ވަސީލައްތައް ޤާއިމްކުރެވިގެން ދާ މިސްކިތްތަކެއް. އުންމީދަކީ މި މަސައްކަތް އަވަހަށް ނިންމާ އެތަން ބޭނުން ކުރެވެން ފެށުން" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ބ. މާޅޮހުގައި އަލަށް ބިނާކުރަން މިފެށި މިސްކިތުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ރަށްރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާކޮށް، އެތަންތަނުގައި ކީރިތި ޤުރުއާން ކިޔަވައިދީ، ދީނީ މަޢުލޫމާތު ފެތުރުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން، މާޅޮހުގައި ތަރައްޤީކުރަން މިއަދު ފެށި މިސްކިތަކީ، އެރަށަށް މުހިންމު މަޝްރޫޢެއް ކަން ފާހަގަކުރެވެއެވެ.