Ads by Stelco

ޚަބަރު

ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމުން، ލާމަރުކަޒީ ޤާނޫނަށް ގެނައީ މުހިންމު އިސްލާޙުތަކެއް: ޤާސިމް

ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމުން، ލާމަރުކަޒީ ޤާނޫނަށް ގެނައީ މުހިންމު އިސްލާޙުތަކެއް: ޤާސިމް

ރައީސް މުޢިއްޒު އާއި ޤާސިމް، ފައިލް ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޯގަސްޓު 2025، 10:10

17 އޯގަސްޓު 2025، 10:10

ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމުން، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައީ މިއަދުގެ ޙާލަތާ ގުޅިގެން މުހިންމު އިސްލާހުތަކެއް ކަމުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު، ޤާސިމްގެ އެކްސް އެކައުންޓު މެދުވެރިކޮށް މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމުން ލާމަރުކަޒީ ޤާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދަޢުލަތުގެ ވެރިކަން ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކަށް ފުށުނާރާ ގޮތަކަށް ކަމަށެވެ. 

ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނާއެކު ފެޑެރަލް ދައުލަތެއް ގޮތަށް، އިދާރީ ދާއިރާތަކަށް ހުރިހާ ބާރެއް ދީގެން ވަކިގޮތަކަށް ހިންގެންޖެހޭނެ ކަމުގެ ވިސްނުން ބައެއް ފަރާތްތަކުން ގެންގުޅޭ ކަމަށެވެ. އެގޮތުން އާންމު ގޮތެއްގައި ސަރުކާރާ އިދިކޮޅަށް ތިބޭ ފަރާތްތަކުން މި ވިސްނުން ގެންގުޅޭކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް ޔުނިޓަރީ ދައުލަތެއްގައި ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް މައި ސަރުކާރުގައި އޮންއޮތުމަކީ، ރާއްޖޭގެ ހާލަތަށް ބަލާއިރު އެންމެ ރަގަޅު ގޮތްކަމަށް ވިދާޅުވިއެވެ.

އަނެއްކޮޅުން ފެޑެރަލް ދައުލަތްތަކަކީ ބާރުތައް ބަހާލައިގެން ފުރިހަމަ މިނިވަންކަމާއެކު ވަކިވަކި ދާއިރާތައް ހިންގާ ނިޒާމެއް ކަމުން، އެފަދަ ގޮތަކަށް ދިވެހި ދައުލަތް ހިންގަންވެއްޖެނަމަ، ދައުލަތާއި ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމުގައި ޤާސިމް ވިދާޅުވިއެވެ. އެކަމަށް މިސާލު ޖައްސަވަމުން ވިދާޅުވީ، އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮތުމަކީ، އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު އޮތް ކަމެއްކަމުން، އެ ކަމުން ދައުލަތުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް ޚަރަދުތައް ބޮޑުވެގެންދާނެ ކަމަށެވެ. 

އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު ލާމާރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވިދާޅުވެފައިވާ ފަދައިން އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެނައި އިސްލާޙުތަކެއްކަމަށް ޤާސިމް ވިދާޅުވިއެވެ.  

އަދި އެ އިސްލާޙުތަކުގެ ހަޤީޤީ ފައިދާ ލިބޭނީ ސަރުކާރަށް ނޫންކަމާއި، ނަމަވެސް ރައްޔިތުންނަށްކަމަށް ޤާސިމް ވިދާޅުވިއެވެ. 

ރަށެއްގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންގެ ޚިޔާލާއެކު ފާސްކޮށްފައިވާ އެއްޗެއްކަމަށްވާއިރު، އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު ވެސް އޮވެގެން ނުވާނެ. މިފަދަ ކަންކަމުގެ ސަބަބުން ޤައުމަށް ނުހަނު ގެއްލުން ލިބިގެންދާކަމީ ވެސް ހަޤީގަތެއް.

ޤާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު، އެ އިސްލާޙުތަކުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރިތަކާ ގުޅިގެން ގެނަސްފައިވާ އިސްލާޙުތަކުގެ ފައިދާ ކުރާނީ އެ ރަށެއްގެ އާންމުންނަށާއި އާންމުންގެ ވިޔަފާރިތަކަށް ކަމުގައި ވިދާޅުވިއެވެ. 

އެފަދަ ވިޔަފާރިތަކާ ގުޅިގެން ގެނައި އިސްލާޙުގައި ބުނެފައި ވަނީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ހިންގޭނީ މަދުވެގެން 10 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ހިމެނޭ ވިޔަފާރިތައްކަމަށެވެ. މި އިސްލާޙު ސީދާ ގުޅެނީ އާންމު ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތް ކުރުމާ ކަމުގައި ސަރުކާރުން ހާމަކުރެއެވެ.

އެހެންކަމުން މި އިސްލާހުތަކުން ފައިދާ މާބޮޑަށް ވެސް އޮތީ އާންމު ރައްޔިތުންނަށް. އެހެންކަމުން މިއީ ރައީސް މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާޙުތަކެއްކަމީ ޝައްކެއް އޮތްކަމެއް ނޫން.

ޤާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން ހުށަހެޅުއްވި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 6ވަނަ ދުވަހެވެ. މި ބިލު މަޖިލީހުން ފާސްކުރީ 51 މެންބަރުންގެ ވޯޓުންނެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 14 އޯގަސްޓު 2025ވީ ބުރާސްފަތި ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން