ޚަބަރު
އެޗްއާރުސީއެމްގެ މެންބަރަކަށް މުޙައްމަދު ޝަފީޤް މަޙުމޫދު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ޝަފީޤް މަޙުމޫދު
ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރަކަށް މުޙައްމަދު ޝަފީޤް މަޙުމޫދު އައްޔަން ކުރުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަޤާމު އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ނަމެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މުއްދަތު ހަމަވާ މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާޤެވެ.
ހުސްވާ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ އާއި މ. ޕޮޕީ، މުހައްމަދު ޝަފީޤް މަޙްމޫދެވެ. މި ނަންތައް ހުށަހަޅުއްވާފައިވަނީ އާންމުކޮށް އިޢުލާން ކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިންނެވެ.
މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ކޮމިޓީގެ މިންގަނޑުން 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ މުޙައްމަދު ޝަފީޤް މަޙްމޫދަށެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ވަނީ މުޙައްމަދު ޝަފީޤް މަޙްމޫދު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުކަމުގެ މަޤާމެއް ހުސްވުމުން، އެ މަޤާމަށް މެންބަރަކު އައްޔަން ކުރެވޭނީ އާންމުކޮށް އިޢުލާން ކުރުމަށްފަހު، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްވުމުންނެވެ.