ޚަބަރު
މަސްވެރިންނަށް މިދިޔަ ހަފްތާގައި 6.7 މިލިޔަން ރުފިޔާ ދޫކުރި

ދިވެހި މަސްދޯންޏެއް
މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 6.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި 165 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 125 ދޯންޏާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާ ގުޅިގެން މަހަށް ނުކުތް ދޯނިތަކުގެ އަދަދު މަދުވެފައިވީ ނަމަވެސް، މިހާރު އެ އަދަދު ވަނީ އިތުރުވެފައެވެ.
މަސްވެރިންނަށް މިދިޔަ ހަފްތާގައި ދޫކުރި 6.7 މިލިޔަން ރުފިޔާއަކީ، އޭގެ ކުރީ ހަފްތާގައި ދޫކުރި 3.9 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 70.6 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، އެދުވަހު 35 ދޯންޏަކުން މަސްކިރުވުމަށްފަހު ޖުމްލަ 1.53 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމަށް މިފްކޯއިން ދަނީ ތައްޔާރުވަމުންނެވެ. މި ގޮތުން ކޫއްޑޫގެ ފެކްޓަރީ އަޕްގްރޭޑް ކުރުމާއި ބަނދަރު ސަރަހައްދުގެ މަރާމާތުތައް ކުރިއަށްދާއިރު، މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރުކުރާ މަހަށް ބޭނުންކުރާނެ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ބްރޭންޑެއް މިހާރު ވަނީ ތަޢާރަފްކޮށްފައެވެ.