ޚަބަރު
ޕޭރެންޓިންގ ޕްރޮގްރާމްގެ ޒަރިއްޔާއިން ޢާއިލާތަކުގެ ކަންބޮޑުވުންތައް ނައްތާލުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ: ވަޒީރު

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް--
ޕޭރެންޓިންގ ޕްރޮގްރާމްގެ ޒަރިއްޔާއިން ޢާއިލާތަކުގެ ކަންބޮޑުވުންތައް ނައްތާލުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާއަށް ހުށައެޅޭ ކޭސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެ ވުޒާރާއިން ކުރިއަށް ގެންދާ 5 ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ދަރިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ލައްވާފައިވާ އެންމެ ބޮޑު އެއް އަމާނާތްކަމަށާއި، މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްވާ ކަންތައްތަކަކީ އެ ކުދިންގެ މުޅި ދިރިއުޅުން ބައްޓަން ކުރާނެ ކަންތައްތައް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމުގެ ބައިވެރިން، މި ޕްރޮގްރާމުން ލިބޭ މަޢުލޫމާތު މަސައްކަތު މާހައުލުގައި ބޭނުންކުރަން ފެށުމުން، މުޖުތަމަޢުގައްޔާއި ޢާއިލާތަކުގައި ހުންނަ ކަންބޮޑުވުންތައް ނައްތާލައި، ހަމަޖެހޭ ޢާއިލާތައް ބިނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން، ވުޒާރާއަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކުގައި ދިމާވާ ޢާއިލާތަކަކީ ނާޒުކު ހާލަތްކުގައިވާ ފަރާތްތައްކަމަށާއި، އެފަދަ ޢާއިލާތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް ދަސްކޮށްދޭންޖެހޭނީ، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު ކިޔާދީގެން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ތުއްތުއިރު ކުއްޖާ ބަލަހައްޓާ ފަރާތްތަކާއެކު އުފެދޭ ގުޅުމުގެ ތެރެއިން އެ ކުއްޖެއްގެ މުސްތަޤުބަލުގައި އެހެން މީހުންނާއި ގުޅުންތެރިކަން ބާއްވާނެ ގޮތް ދަސްވެގެންދާނެކަމަށާއި، ވަކި ހުދޫދުތަކެއްގެ ތެރޭގައި ކުދިން ގެންގުޅެވޭ ކަމަށް ވާނަމަ އެ ކުއްޖަކަށް ދަސްވާނީވެސް އެގޮތަށް ދިރިއުޅުން ބައްޓަން ކުރަން ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އެ ކުދިން ބޮޑެތިވެ ޢާއިލާއެއް ފަށާ ހިސާބުން ނުވަތަ މަސައްކަތު މާޙައުލަށް ނިކުންނައިރު މި ރަނގަޅު އާދަތައް ވެގެންދާނީ އެ ކުދިންގެ ފަރާތުން މުޖުތަމަޢަށް ކުރާނެ ހެޔޮ އަސަރެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ފުށުން އެ ކުދިން ދަސްކުރަނީ އެ ކުދިންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ހުރިހާ ސިފަތައް. އެއީ ރިވެތިކަން ވިއަސް، އަމާނާތްތެރިކަން ވިއަސް، އެހެން މީހުންނަށް ހެޔޮކޮށް ހިތުން ކަމުގައި ވިއަސް، އަދި ދިރިއުޅުމުގެ ކަންކަމުގައި ކުއްޖަކަށް އުޅެންވާ ގޮތް ދަސްވަނީ ވެސް މައިންބަފައިންގެ ފުށުން.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ ބެލެނިވެރިންނާއި ޢާއިލާތަކާއެކު ދުޅަހެޔޮ ގުޅުންތައް ޤާއިމްކުރެވިގެން ކަމަށް ވާތީ، އެކަމަށް ބާރުއެޅުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.