ޚަބަރު
އއ. ހިމަންދޫގައި ތަރައްޤީކުރާ މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިންމައިފި

އއ. ހިމަންދޫގައި ތަރައްޤީކުރާ މިސްކިތް/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އއ. ހިމަންދޫގައި ތަރައްޤީކުރާ އައު މިސްކިތުގެ 75 އިންސައްތަ މަސައްކަތް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ މި މިސްކިތް ތަރައްޤީކުރުމުގެ މަސައްކަތަކީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތުގެ އިމާރާތުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު ކުރިއަށް ހުރީ ކަރަންޓާއި ގުޅޭ މަސައްކަތްތަކާއި، މިސްކިތުގެ ދޮރުފަތްތައް ހަރުކުރުމާއި، މިސްކިތުގެ ބޭރު ޑިޒައިން ނިންމުމާއި، ކުލަލުން ފަދަ ފިނިޝިންގ މަސައްކަތްތައްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތުގެ މަސައްކަތް އެކީ ނިމިގެންދާއިރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްރުޢަކީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެލައިޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ދަޢުލަތުން މި މަޝްރޫޢުއަށް މިހާތަނަށް 5.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.