ޚަބަރު
ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 390 ދުވަސްތެރޭ ނިންމާގޮތައް އެމްޓީސީސީއަށް

ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކުރުން. ފޮޓޯ: އެމްޓީސީސީ
އއ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
27.51 މިލިއަން ރުފިޔާގެ މި މަޝްރޫޢު 390 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ބޭއްވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 29,125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރު ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 58 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނެއެވެ.
910 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިމަންދޫގެ ބަނދަރު ތަރައްޤީކުރެވުމުން، ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބި، އުދަ އެރުމާއި، ޑިންގީތައް ލަފައިފުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ.