ޚަބަރު
މިއަހަރު ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ ހިދުމަތް ދޭން ފަށާނެ: މިފްކޯ

ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ- މިފްކޯ

ފަރުދުން
19 އޯގަސްޓު 2025، 06:12
19 އޯގަސްޓު 2025، 06:12
މިއަހަރު ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ ހިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، (މިފްކޯއިން) އިން ވިދާޅުވެއްޖެއެވެ.
މިފްކޯގެ ސީއީއޯ މިހެން ވިދާޅުވެފައިވަނީ ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ފެށުމާއި މަރަމާތުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ފުވައްމުލަކަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މި ދަތުރުގައި ކައުންސިލާ ބައްދަލުކުރައްވާ ފުވައްމުލައް ސިޓީގެ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ މި އަހަރު ނިމުމުގެ ކުރިން އެތަނުގެ ހިދުމަތްތައް ފަށާނެ ކަމުގެ ޔަގީންކަން މިފްކޯގެ ސީއީއޯ ދެއްވާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މަސް ޕްރޮސެސްކުރާ މަރުކަޒުގެ ޚިދުމަތްދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތަށް ވުމުގެގޮތުން އެ މަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް މިފްކޯއިން ވަނީ މިއަދު ފަށާފައެވެ. މި ފެސިލިޓީގެ ހިދުމަތް ފެށުމާއިއެކު ރައްކާތެރިކަމާއިއެކު ބަންދުކޮށްފައިވާ މަހުގެ އުފެއްދުންތައް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލިބޭނެއެވެ.
ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް މަސްވެރިކަން ހެދުން ކަމަށްވާއިރު، މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.