ޚަބަރު
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ

ފޮޓޯ: އިންޓަރނެޓް

ފަރުދުން
19 އޯގަސްޓު 2025، 07:19
19 އޯގަސްޓު 2025، 07:19
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް އިތުރުވެ، ފުލުހުންނަށް ރިޕޯޓް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ހުށަހެޅި މިމައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށެވެ. މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެންނެވެ. މިގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ، ޚާއްސަކޮށް ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ، އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކާ ކަމަށެވެ. ހާއްސަގޮތެއްގައި ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކާ ގުޅާ، އެފަރާތްތަކަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާކަމަށް ބަޔާނުގައި ވެއެވެ. އަދި މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފަރ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް ކަމަށާއި މިއީ މުޅި މި މަކަރުވެރި އަމަލުގެ ފެށުން ކަމަށް ފުލުހުން ބަޔާންކޮށްފައިވެއެވެ. އެއާއެކު މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ. އަދި ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި ދެފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރާ ކަމަށާއި ފައިސާ ގުނާ ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރާކަމަށެވެެ. ނަމަވެސް ޓްރާންސްފަރ ކުރުމަށްފަހު ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރާކަމަށް މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށް ކަމުން ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ސަބަބަކީ ވިއްކާ ފަރާތުން ގެއްލެނީ އެމީހުންގެ ކްރިޕްޓޯކަރަންސީކަމަށްވުމުންނެވެ. އަދި ހިލާފު އުފެދެނީ ނަގުދު ފައިސާގެ މިލްކުވެރިކަމާމެދުގައެވެ. ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅަނީ މިހާ ހިސާބުންނެވެ.
މިފަދަ މައްސަލަތައް ގިނަވަމުންދާތީ، ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުަރައްވާފައިވެއެވެ. އަދި މީހަކާއެކު މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ހަމައެއާއެކު ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވުމަށްވެސް ފުލުހުންވަނީ އެދިފައެވެ. މިފަދަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފިނަމަ، ނުވަތަ މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެނަމަ، ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކުރައްވައި އެކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.
މިހާރު ކުރިމަތިވެފައިވާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ ހީލަތުގެ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.