ޚަބަރު
މަތިވެރީ ވައިގެބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި
މަތިވެރީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން.
ފަރުދުން
20 އޯގަސްޓު 2025، 09:40
20 އޯގަސްޓު 2025، 09:40
އ.އ. މަތިވެރީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ވައިގެބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިމަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ، އަރިއަތޮޅު އުތުރުބުރިއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މަތިވެރީ ބިން ހިއްކުމާއި ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އާއެވެ. މި މަސައްކަތް އެމް.އޭސީ.އެލް. އާ ރަސްމީކޮށް ޙަވާލުކުރީ، ރައީސް ޑރ. މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ މުޚާޠަބުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތެއްގައެވެ.
President Dr @MMuizzu attends the commencement ceremony of the airport land reclamation project in AA. Mathiveri today. Once completed, the project is expected to enhance transport connectivity and facilitate economic opportunities for the island. #RayyithunGaathah… pic.twitter.com/VlpksDrdfl
— The President's Office (@presidencymv) August 20, 2025
އެމް.އޭ.ސީ.އެލް. އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢުގައި ހިމެނެނީ 1500 މީޓަރުގެ ދިގުމިން އަދި 30 މީޓަރުގެ ފުޅާމިން ހުރި ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރަން ތަރައްޤީކުރުމާއި، ފަސިންޖަރު ގިމަތައާއި އަލިފާނުގެ ރައްކާތެރިކަމާ ބެހޭ މަރުކަޒުގެ އިތުރުން، ވައިގެބަނދަރުގެ މަގުތައް ތަރައްޤީކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މަތިވެރީ ވައިގެބަނދަރު އެޅުމުން، އެއަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ދޮރުތަކެއް ހުޅުވިގެން ދާނެއެވެ. އަދި އެކަމުގެ ސަބަބުން އިޤުތިޞާދީ ލާބަ އިތުރުވެގެން ދާނެއެވެ.
މަތިވެރީގެ ރައްޔިތުންނާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަތިވެރީގައި އަޅާ ވައިގެބަނދަރުގެ މަސައްކަތް އެމް.އެ.ސީ.އެލް. އިން ކުރާނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެން ކަމަށެވެ. ވައިގެބަނދަރަށް ބޭނުންވާ ބިން ހިމެނޭހެން، އެރަށުން 26.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން މަޝްރޫޢުތައް ވެސް ކުރިއަށް ގެންދެވޭނޭ ކަމުގައެވެ.
ފަތުރުވެރިކަމަކީ ދިވެހި އިޤުތިޞާދު އެކަމަކަށް ބަރޯސާ ވާ މައިގަނޑު އެއް އަސާސެވެ. ވުމާއެކު، ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އެއް އަމާޒެވެ. އެގޮތުން، މަތިވެރީގައި ތަރައްޤީކުރާ ވައިގެބަނދަރުގެ މަސައްކަތް ނިމުމުން، ފަތުރުވެރިކަމުގެ ދާއިރާއިން އަރިއަތޮޅަށާއި ދިވެހި އިޤުތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނޭ ކަމަށް ލަފާކުރެވެއެވެ.