Ads by Stelco

ޚަބަރު

މިއަހަރު މީޑިއާތަކަށް ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައި، މެދުނުކެނޑި 3 އަހަރު ޚިދުމަތްކޮށްފައިވާ މީޑިއާތަކަށް ފައިސާދޫކުރާނެ

މިއަހަރު މީޑިއާތަކަށް ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައި، މެދުނުކެނޑި 3 އަހަރު ޚިދުމަތްކޮށްފައިވާ މީޑިއާތަކަށް ފައިސާދޫކުރާނެ

ރާއްޖޭގެ ބައެއް ނޫސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 11:18

20 އޯގަސްޓު 2025، 11:18

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލުގެ ދަށުން ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު އެއް ޕޭމަންޓެއްގެ ގޮތުގައި ފައިސާ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި އުޞޫލުގެ ދަށުން ފައިސާ ދޫކުރެވޭނީ ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ މީޑިއާތަކަށެވެ. މީޑިއާތަކަށް މާލީ އެހީތެރިކަން ލިބުމަށް އެންމެ މުހިންމު އެއް ޝަރުތަކީ އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމެވެ. އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮންނަންޖެހޭނެއެވެ.

މި ގްރާންޓަށް ކުރިމަތިލެވޭނީ މެދުނުކެނޑި 3 އަހަރު ޚިދުމަތް ދީފައިވާ މީޑިއާތަކަށެވެ. އަދި އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ. މީގެ ތެރޭގައި އާންމުންނަށް މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިޢުކޮށްފައި އޮތުމާއި، ޓެކްސް އަދި ޕެންޝަން ސްކީމްގެ ޒިންމާތައް އަދާކުރަމުން ދިޔުން ހިމެނެއެވެ.

މާލީ އެހީ ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. މި ޕޯޓަލްގައި ޕްރޮޕޯޒަލް ހުށަހެޅުމުން ވަގުތީ ޕޮއިންޓް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ޕްރޮޕޯޒަލްއާ ގުޅޭ ޝަކުވާތައް ބަލާނީ ބްރޯޑްކާސްޓިން ކޮމިޝަން، މީޑިއާ ކައުންސިލް އަދި އެހެނިހެން ކަމާބެހޭ ފަރާތްތައް ހިމެނޭ ކޮމިޓީއަކުންނެވެ.

އުޞޫލުގައިވާ ގޮތުން، ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ 7 ދުވަހުގެ ތެރޭގައި ފައިސާ މީޑިއާގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އެއް މީޑިއާއަށްވުރެ ގިނަ މީޑިއާ ހިންގާ ފަރާތްތަކަށް، ކޮންމެ ބާވަތަކުން އެއް މީޑިއާއަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލް އަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭ އިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު ވެސް އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިއަން ރުފިޔާ ބެހިގެންދާ ގޮތުގެ ފޯމިއުލާ ވެސް ބުނެދީފައި ވެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.

މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާ ތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން