ޚަބަރު
ފިލިޕީންސަށް ކަނޑައެޅުއްވި ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސްގެ ރައީސްއަށް އަރުއްވައިފި

ފިލިޕީންސަށް ކަނޑައެޅުއްވި ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސްގެ ރައީސްއަށް އަރުވަނީ: ފޮޓޯ- ޚާރިޖީ ވުޒާރާ

ފަރުދުން
20 އޯގަސްޓު 2025، 11:18
20 އޯގަސްޓު 2025، 11:18
ދިވެހިރާއްޖެއިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސް ފަރްޑިނެންޑް ރ. މާރކޮސް ޖޫނިއަރ އަށް އިއްޔެ އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ފިލިޕީންސް ގެ ރިޔާސީ ގަނޑުވަރުގައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފިލިޕީންސް ގެ ރައީސް އަށް އަރިސްކުރައްވާފައިވާ ކަމަށެވެ.
ހަމައެއާއެކު، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް އެރުއްވިއެވެ. ފިލިޕީންސްގެ ރައީސްގެ ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގައި އެކަމަނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ޔަޤީންކަން ދެއްވާފައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ ހުސެއިން ޖައްހާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.