Ads by Stelco

ޚަބަރު

އަންނަ އަހަރު ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓު އަޅައިދޭނަން: ރައީސް

އަންނަ އަހަރު ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓު އަޅައިދޭނަން: ރައީސް

ބޮޑުފޮޅުދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

20 އޯގަސްޓު 2025، 11:28

20 އޯގަސްޓު 2025، 11:28

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގައި 50 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް މިއަންނަ އަހަރުގެ ކުރީކޮޅު ޢަމަލީ ގޮތުން ފެށިގެން ދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަރިއުތުރު ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫއަށް ޒިޔާރަތްކުރައްވައި، އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރާން ހުރި މުހިންމު މަސައްކަތްތައް ކޮށްދެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމަށް ރައީސް ދެކިވަޑައިގަންނަވައެވެ. ރައީސް ވިދާޅުވީ، މީގެ ތެރެއިން އެންމެ މުހިންމު މަޝްރޫޢަކީ ގެދޮރުވެރިކަމުގެ މަޝްރޫޢު ކަމަށެވެ. މިގޮތުން، ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު ހިންގުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢަކީ ބޮޑުފޮޅުދޫގެ ކުރިއެރުމަށް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. ހަމައެހެންމެ، އެރަށުގައި ހިއްކާފައިވާ 4 ހެކްޓަރުގެ ބިން އެރަށު ރައްޔިތުންނާ ޙަވާލުކުރުމުގެ މަސައްކަތް ވީހައި ވެސް އަވަހަކަށް ކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވައިފައެވެ.

ޢުމްރާނީ ތަރައްޤީގެ އިތުރުން، އެހެނިހެން ދާއިރާތަކަށް ވެސް ރައީސް ވަނީ އަލިއަޅުއްވައިލައްވައިފައެވެ. މިގޮތުން، ރައީސްގެ ދަތުރުފުޅުގައި ސޮއިކުރެވިގެން ދިޔަ ބޮޑުފޮޅުދޫ ސްކޫލުގެ ޢަމަލީ މަސައްކަތް ލަސް ވެގެން 3 މަސް ދުވަހުގެ ތެރޭގައި ފެށިގެން ދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިމަޝްރޫޢުގެ ތެރޭގައި، ބޮޑުފޮޅުދޫ ސްކޫލުގެ ކްލާސްރޫމުތައް އިތުރުކުރުމާއި، މަލްޓިޕަރޕަސް ހޯލް އެއް ބިނާކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން، ބޮޑުފޮޅުދޫ ސްކޫލުގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެން ދާނެއެވެ.

ކުޅިވަރުގެ ދާއިރާއިން ވެސް، ބޮޑުފޮޅުދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް ވަނީ ރޭވިފައެވެ. މިގޮތުން، އެރަށު ހޭންޑްބޯލް ކޯޓުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.  އަދި އެރަށު ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ގުޅިގެން ވަރަށް އަވަހަށް ކުރެވިގެން ދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، މިއަންނަ އަހަރު އެރަށުގައި  އައު ފުޓުސަލު ދަނޑެއް ބިނާ ކުރުމަށް ކަނޑައެޅިފައިވާ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބޮޑުފޮޅުދޫގައި ހުރި ޒުވާނުންގެ މަރުކަޒުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި، އެކަންކަން ކޮންޓްރެކްޓަރު ލައްވައި ރަނގަޅު ކުރައްވާނޭ ކަމުގައި ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ބޮޑުފޮޅުދޫގެ ތަރައްޤީއަށް މުހިންމު އެހެނިހެން ކަންކަމަށް ބަލައިލައި އިރު، އެރަށު ކައުންސިލުގެ އިޚުތިޞާޞްގައި ހިމަނައިފައިވާ ދިއްގާފަޅުގެ ސަބަބުން އެރަށު ރައްޔިތުންނަށް އިޤުތިޞާދީ މުހިންމު ފައިދާތަކެއް ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެރަށުގައި ޤާއިމުކުރުމަށް ނިންމައިފައިވާ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ޤާއިމުވުމުން، މުހިންމު ޞިއްޙީ ޚިދުމަތްތައް ލިބިގެން ދާނޭކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަހަކަފުޅު ކުރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒި ވިދާޅުވީ، ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރާން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަކަށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާނޭ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން