ޚަބަރު
ތޮއްޑޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ތޮއްޑޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުއްވުން: ފޮޓޯ- ރައިސް އޮފީސް

ފަރުދުން
20 އޯގަސްޓު 2025، 03:19
20 އޯގަސްޓު 2025، 03:19
އއ.ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ތޮއްޑޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ތޮއްޑޫގައި ޤާއިމްކުރާ އައު ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ތޮއްޑޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ޙަވާލުކޮށްގެންނެވެ.
ތޮއްޑޫގައި އަލަށް ޢިމާރާތްކުރުމުގެ މަސައްކަތް ފެށި ކައުންސިލް އިދާރާއަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިދާރާއެކެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާ ހަވާލުކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ކުރިއަށް ގެންދާ 55 ކައުންސިލް އެޅުމުގެ މަޝްރޫޢަކީ 11 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ގޯތީގެ ވަށާފާރުރޭނުމާއި، ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.