ޚަބަރު
ރަސްދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރަސްދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުން ފޮޓޯ: ފަރުދުން
އއ.ރަސްދޫގައި ޕާސްޕޯޓް ޚިދުމަތާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. އެކަން ކުރިއަށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.
ޑީއެންއާރުން ވިދާޅުވި ގޮތުގައި، މިހާރު 28 ރަށެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދެއެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ރަސްދޫގައި އައިޑީކާޑްގެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު ޕާސްޕޯޓުގެ ޚިދުމަތްވެސް މިހާރު އެރަށުން ލިބޭނެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 13 އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު، މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތްވަނީ ފަށާފައެވެ. މި ޚިދުމަތްތައް ފުޅާކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމެއްނެތި، ފަސޭހަކަމާއެކު މިފަދަ މުހިންމު ލިޔެކިޔުންތައް ހެދޭނެ މަގު ފަހިވެގެންދާނެއެވެ.