ޚަބަރު
ރަސްދޫ އާއި އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

އއ. ރަސްދޫ އާއި އެ އަތޮޅު އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް
އއ. ރަސްދޫ އާއި އެ އަތޮޅު އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް އެމްއޭސީއެލްއާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަސް އަދި ރަސްދޫ ސްޕޯޓްސް ކޮމްޕެލްކްސް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.
ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުން، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިކަމުގެ އެއް ބޭނުމަކީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަޤުވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ޤާއިމުކުރުމަށެވެ. އަދި އަތޮޅު ތެރެއިން ޤައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.
އެގޮތުން ސްޕޯޓްސް ކޮމްޕްލެކްސްތައް އަޅަމުން ދަނީ ގިނަ ކުޅިވަރުތަކެއް އެއްތަނަކުން ކުޅެވޭނެ ފަސޭހަކަން ހޯދައިދިނުމުގެ ގޮތުންނެވެ.
މި ދެ ރަށަކީ ވެސް އައުޓްޑޯރ ޖިމާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އެކިކަހަލަ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ ރަށެވެ.
ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.