Ads by Stelco

ޚަބަރު

''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ގޭންގް ކުއްތަށް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ- ފުލުހުން

farudhun logo

ފަރުދުން

21 އޯގަސްޓު 2025، 03:29

21 އޯގަސްޓު 2025، 03:29

''ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު"އަށް  އަމަލުކުރަން ފެށުމުގެ ކުރިން މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.

މި މަހު 20 ވަނަ ދުވަހު މާލެ ސިޓީގައި ފެށި މި ޕްރޮގްރާމަކީ މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން އިއްޔެ އެކަނި ވެސް މާލޭގެ 138 ފިހާރައަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ގާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުުރުން، އެކި ކަހަލަ ކުށްތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ ފިހާރަތަކުގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށް އިލްތިމާސްކޮށްފައިވާކަމަށެވެ. ފުލުހުން ވަނީ، ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުން މުޖުމަތައުގައި ކުށްކުރާ މިންވަރު މަދުކުރެވޭނެކަމާއި މީހަކު ކުށެއް ހިންގަން އުޅޭކަމަށް ތިމާއަށް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިނުމަށް ވެސް ނަސޭހަތްތެރިވެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ފުލުހުން ވަނީ ވިޔަފާވެރިންނާއި ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް އެނގެންޖެހޭ މުހިންމު މައުލޫމާތު ހިމެނޭ ސްޓިކާ ފިހާރަތަކުގައި ތަތްކޮށްފައެވެ.

 މި ޕްރޮގްރާމް، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ފިހާރަތަކުގެ އިތުރުން ގަރާޖުތަކާއި ތަންތަން ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކަށް ވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް، މި ގާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

 އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާއިރު، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ހާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައި ބުނެދީ އަދި ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ނުވިއްކުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ގާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން