ޚަބަރު
ފުލިދޫ އާއި ދިއްދޫގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ދިއްދޫގައި އަލަށް ހަދާ ސިއްޙީ މަރުކަޒުގެ އިމާރާތުގައި ސޮއިކުރުން، ފޮޓޯ: އެމްޓީސީސީ

ފަރުދުން
22 އޯގަސްޓު 2025، 03:15
22 އޯގަސްޓު 2025، 03:15
ވ. ފުލިދޫ އާއި އދ. ދިއްދޫގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އިއްޔެ އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، މުޙައްމަދު ޖަމްޝީދެވ.ެ އަދި ސިއްޙީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާއީލް ޢަބްދުالله އެވެ.
މި މަޝްރޫޢުގެ ދަށުން ފުލިދޫގައި 16 އެނދު ޤާއިމްކުރަން ނިންމާފައިވާއިރު، ދިއްދޫގައި ޤާއިމްކުރާނީ 12 އެނދެވެ.
މި ދެ މަޝްރޫޢުގެ ސްކޯޕްގައި ބިންގަނޑާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމާއި އެއަރ ކޮންޑިޝަން އަދި އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުން ހިމެނެއެވ.ެ
މި މަޝްރޫޢުތަކުގެ ތެރެއިން ފުލިދޫގެ މަޝްރޫޢުގެ އަގަކީ 27 މިލިއަން ރުފިޔާއެވެ. އަދި ދިއްދޫގެ މަސައްކަތަށް ސަރުކާރުން 12 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ.
މީގެއިތުރުން، ދިއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 270 ދުވަހުން ނިންމަންޖެހޭއިރު، ފުލިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ނިންމުމަށް އެގްރީމެންޓުކޮށްފައި ވަނީ 360 ދުވަހުންނެވެ.
މި ދެ ރަށުގެ އިތުރުން، ކ. ކާށިދޫ އާއި އެ އަތޮޅު ހުރާގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވެސް އެމްޓީސީއާ ވަނީ އިއްޔެ ހަވާލުކޮށްފައެވެ. އެގޮތުން ކާށިދޫގައި 9 އެނދު ޤާއިމްކުރާއިރު، ހުރާގައި 16 އެނދު ޤާއިމްކުރާނެއެވެ.