Ads by Stelco

ޚަބަރު

ބީ.އެމް.އެލް. ގެ އެހީގައި ވޭމަންޑޫގައި ސެން ކްލާސްރޫމެއް ޤާއިމުކޮށްފި

ބީ.އެމް.އެލް. ގެ އެހީގައި ވޭމަންޑޫގައި ސެން ކްލާސްރޫމެއް ޤާއިމުކޮށްފި

ބީ.އެމް.އެލް. ގެ އެހީގައި ވޭމަންޑޫގައި ޤާއިމު ކުރި ސެން ކްލާސް. ފޮޓޯ: ބީ.އެމް.އެލް.

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 02:13

23 އޯގަސްޓު 2025، 02:13

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.) ގެ ބޭންކު ފަންޑުގެ އެހީގައި، ތ. އަތޮޅު ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ޚާއްޞަކޮށްގެން، ސެންސަރީ އެންޑް ވޮކޭޝަނަލް ކުލާސްރޫމެއް ޤާއިމުކޮށްފިއެވެ. ބީ.އެމް.އެލް. ގެ މާލީ އެހީއާއެކު ކްލާސްރޫމް ބިނާކުރުމުގެ މަސައްކަތް ކޮށްފައިވަނީ "ވޭމަންޑޫ ޒުވާނުންގެ ގުޅުން" ޖަމްޢިއްޔާއިންނެވެ.

ބީ.އެމް.އެލް. އިން ހާމަކޮށްފައިވާ ގޮތުގައި، އެ ކްލާސްރޫމް ތައްޔާރުކޮށްފައި ވަނީ ދަރިވަރުންގެ ޤާބިލުކަން އިތުރުކުރުމާއި، އަނެކުންނާ ގުޅިގެން އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމުގެ ހުނަރު ތަރައްޤީ ކުރުމާއި، އެކުދީންގެ ތަޢުލީމީ ބޭނުންތަކަށް ރިޢާޔަތްކުރުމާއެކުގައެވެ.

ވޭމަންޑޫ ސްކޫލްގެ އަމާޒަކީ، މި ސެން ކްލާހުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް، ކެއްކުމާއި ފެހުން ފަދަ ހުނަރުތަށް ދަސްކޮށްދިނުމަށް މަސައްކަތްތަކެއް ކުރުމެވެ. 

ބީ.އެމް.އެލް. އިން މަޢުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މިހާތަނަށް ބީ.އެމް.އެލް. އިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްޤީކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން، ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގެ އިތުރުން، މާލޭގައި ހުންނަ ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ބީ.އެމް.އެލް. ގެ އެހީއާއެކު ތަރައްޤީކޮށްފައިވެއެވެ. މިދެ މަޝްރޫޢުގެ ސަބަބުން، ޚާއްޞައެހީ އަށް ބޭނުންވާ 200 އަށް ވުރެ ގިނަ ކުދިންނަށް ތަޢުލީމީ ވަސީލަތްތައް ފަހިވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގައި، ބީ.އެމް.އެލް. އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 މަދުރަސާއެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ މަސައްކަތްތަކަށް އެބޭންކުން ޚާއްޞަ އަހަންމިއްޔަތެއް ދޭ ކަމަށެވެ. އެފަދަ މަސައްކަތްތަކަކީ މުޖުތަމަޢުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ކަންކަމުގެ ގޮތުގައި ބީ.އެމް.އެލް. އިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން