ޚަބަރު
ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރާ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އެޗްޑިސީއަށް

ހިރިމަރަދޫ ރައްޔިތުންގެ ހައުސިންގ ޔުނިޓް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ- ފަރުދުން

ފަރުދުން
24 އޯގަސްޓު 2025، 04:33
24 އޯގަސްޓު 2025، 04:33
ހަނިމާދޫއަށް ބަދަލުވާ ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރާ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ. އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޢަބްދުލް މުއްތަލިބްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ގޯޗެއް، އަދި އެ ގޯތީގައި ގެއެއްއަޅާ، ގެއާއި ތަޅުދަނޑީގެ އިތުރުން ފައިސާ ހަވާލުކުރެވިގެންދާނެ ކަމަށެވެ. ހިރިމަރަދޫއިން ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން، މުނިސިޕަލް ޙިދުމަތްވެސް ފުރިހަމަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަގުތަށްވެސް ރަނގަޅު ފެންވަރުގައި ހެދުމަށްފަހު ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާދެއްވުމަށް ޢަޒުމް ހިފާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ސެޕްޓެމްބަރު، 2024، ގައި އެ ރަށު ކައުންސިލް މެންބަރުން ވަނީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލުކޮށް އެ މަޝްވަރާކޮށްފަ އެވެ. ހިރިމަރަދޫ ރައްޔިތުންގެ މި އެދުން ގިނަ ދުވަސްތަކަކަށްފަހު ފުރިހަމަވެގެން ދާނެއެވެ.