Ads by Stelco

ޚަބަރު

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްގެ ޤައުމީ ލަވަ އަލްބަމް ނެރެފި

އެމްއެންޑީއެފް ލޯގޯ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 އޯގަސްޓު 2025، 08:14

24 އޯގަސްޓު 2025، 08:14

ދިވެހިރާއްޖޭގެ ޤައުމީ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފުން ކޮންމެ އަހަރަކު ވެސް ނެރެމުންދާ ޤައުމީ ލަވަ އަލްބަމް މިއަދު ނެރެފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، 7 ލަވަ ހިމެނޭހެން ތައްޔާރުކޮށްފައިވާ މިއަހަރުގެ އަލްބަމް ޚާއްޞަކޮށްފައިވަނީ "ޤައުމުގެ ދިފާޢުގައި" މި ތީމަށް ކަމަށެވެ. އަދި މި ލަވަތައް ހުށައަޅާދީފައިވަނީ، ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިންކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ފާއިތުވެދިޔަ އަހަރުތަކެކޭ ވެސް އެއްފަދައިން، މި ފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާ ފަދަ ޅެންތަކާއި ރާގުތައް ހިމެނޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިފަހަރުގެ އަލްބަމަށް ޅެން ހައްދަވައިދެއްވި ބޭފުޅުންނާއި އެބޭފުޅުން ހެއްދެވި ޅެންތައް:

  • އޮނަރަބަލް އާދަމް ނަޞީރު އިބްރާހީމް - " މި ޤައުމަށް ޚިދުމަތްކުރުމޭ އަރާމަކީ"
  • ކާނަލް ޙުސައިން ޢަލީ - "ސިފައިންގެ މީހެއްގެ ޝުޢޫރު"
  • ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު - "ޤައުމުގެ ދިފާޢުގައި"
  • ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު - "ޤައުމީ ޚިދުމަތުގައި ކުރިއަށް"
  • އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ) - "ޖާނުދޭނީ ޤައުމަށް ޓަކައި"
  • އަލްފާޟިލާ ރަޝީދާ އިބްރާހީމް - "ޤައުމު ދިފާޢު ކުރާނަމެވެ"
  • ޕްރައިވެޓް މުޙައްމަދު މާޙިދު - "ސިފައިން" 

މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ކޯޕްރަލް ޙަސަން ޝާމިލް މުޙައްމަދު ދީދީ، ޕްރައިވެޓް މުޙައްމަދު މާޙިދު، އަދި އަލްފާޟިލް ޙުސައިން ޝިފާން ހިމެނެއެވެ. ހަމަ މިއާއެކު، އަލްބަމްގައި ހިމެނޭ ލަވަތަކުގެ މިޔުޒިކް ތައްޔާރުކޮށްފައި ވަނީ، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް އެޑިޓްކޮށްފައިވަނީ، ވޮރަންޓް އޮފިސަރ 3 އިބްރާހީމް އަޙްމަދު އަދި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ދަނީ، 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމްގެ ނަމުގައި ޚާއްޞަ އަލްބަމެއް ނެރެމުންނެވެ. އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ލަވަތަކަކަށް ވާއިރު، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއިން ފެނިވަޑައިގަންނަވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ހަމަ އެހެންމެ، އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން