ޚަބަރު
ޤައުމީ ދުވަސް: ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާލޭގައި ބާއްވައިފި

ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން/ފޮޓޯ: އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިއަދު ހަވީރު 16:30 ގައި ފެށި ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި މިލިޓަރީ ބޭންޑާ އެކު، ހަތަރު ގެމައެއް ހިމެނިފައިވާ ކަމަށެވެ. އަދި މި ހިނގާލުމުގައި ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ލެފްޓިނެންޓް ކާނަލް މުޙައްމަދު ޝާޚީ ޢަބްދުލްޣަފޫރެވެ.
މާލޭގައި ބޭއްވި ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި ލަޝްކަރު ވަނީ، މާލޭގެ ހަތަރު ސަރަޙައްދެއްގައި ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. އެގޮތުން، މިލިޓަރީ ބޭންޑުން ރާގު ކުޅެފައިވަނީ ދިވެހިބަހުގެ އެކެޑަމީ ކުރިމަތީގައާއި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅީގައާއި، މިލިއަން ބުކްޝޮޕް ކުރިމަތީގައާއި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި މަޑުކޮށްގެންނެވެ. މި ހިނގާލުން ނިންމާލާފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
ޝަރަފުގެ ހިނގާލުން ކުރިއަށްދިޔަ އިރު، މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ އާންމުން ނިކުމެ، ޝަރަފުގެ ހިނގާލުން ބަލާލާފައިވެއެވެ. މިއީ އަބަދުވެސް ރާއްޖޭގެ ކުދިބޮޑު ރައްޔިތުން ވަރަށޤ ޝައުގުވެރިވާ ކަމެކެވެ.