ދުނިޔެ
ތޫފާން ކާޖިކީގެ ސަބަބުން ވިއެޓްނާމްގެ އެތައް ހާސް ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ފަށައިފި

ތޫފާން ކާޖިކީއާ ގުޅޭ މެޕް ފޮޓޯ: އަލް ޖަޒީރާ
ވިއެޓްނާމަށް މި އަހަރު ތޫފާނެއްގެ ސިފައިގައި އަސަރުކުރާ ފަސްވަނަ ތޫފާން ކަމަށްވާ ޓައިފޫން ކާޖިކީ، ގަޑިއަކު ގާތްގަނޑަކަށް 160 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހި، ޤައުމުގެ މެދުތެރޭގެ އައްސޭރިފަށަށް އަރައިފާނެ ކަމަށް ބެލެވޭތީ، ހޯމަ ދުވަހު އެތައް ހާސް ރައްޔިތުން ވަނީ އެ ސަރަހައްދުން ހިޖުރަކުރަން ފަށާފައެވެ.
މިވަގުތު ކަނޑުމަތީގައި އޮތް މި ތޫފާނުގެ ސަބަބުން، ގަލްފް އޮފް ޓޮންކިން ކަނޑުގައި 9.5 މީޓަރަށް ވުރެ އުސް ރާޅު އަރަމުންދާއިރު، ސަރުކާރުން ވަނީ ސްކޫލްތަކާއި ސަރުކާރު އިމާރާތްތަކުގައި ވަގުތީ ހިޔާވައްސެއް ޤާއިމުކޮށްފައެވެ. އޮފިޝަލުން ހާމަކުރައްވާ ގޮތުގައި އައްސޭރިފަށުގެ ފަސް ޕްރޮވިންސެއްގައި ދިރިއުޅޭ 325،500 އަށް ވުރެ ގިނަ ރައްޔިތުން ހިޖުރަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިއެޓްނާމްގެ އައްސޭރިފަށުގައިވާ ވިންހް ސިޓީއަށް ރޭގަނޑު ބޯކޮށް ވާރޭ ވެހި، މަގުތަކުގައި މީހުން މަދުވެ، ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތައް ވަނީ ބަންދުކޮށްފައެވެ. ރައްޔިތުންނާއި ވިޔަފާރިތަކުގެ ވެރިން ވަނީ ތަންތަނުގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައިގެން ތޫފާނުން ލިބިދާނެ ގެއްލުމުން ރައްކާތެރިވުމުގެ މަސައްކަތް ކޮށްފައެވެ. ހެނދުނުވިއިރު މި ސަރަހައްދުން ގާތްގަނޑަކަށް 30،000 މީހުން ހިޖުރަކޮށްފައިވާއިރު، 16،000 ސިފައިން ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ.ތޫފާނުގެ މަގުގައިވާ ދެ އެއަރޕޯޓެއް ވަނީ ބަންދުކޮށްފައެވެ. އަދި ހުރިހާ މަސްވެރިކަމުގެ އުޅަނދުތައް ވަނީ ބަނދަރުތަކަށް އެނބުރި އައުމަށް އަންގާފައެވެ.
"މި ސައިޒުގެ ބޮޑު ތޫފާނެއް އަޅުގަނޑުމެންގެ ސިޓީއަށް އަންނަކަމަކަށް މީގެ ކުރިން ނުއިވޭ،" 66 އަހަރުގެ ލޭ މަންހް ތުންގް ބުންޏެވެ. އޭނާ ހުރީ ވިންހްގެ އެތެރޭގައި ހުންނަ ދަނޑެއްގައި ހަދާފައިވާ ހިޔާވައްސެއްގައެވެ. "އަޅުގަނޑަށް މިވަނީ ބިރުވެރިކަން އިޙްސާސްވެފަ. ނަމަވެސް މިއީ ގުދުރަތީ ކަމަކަށްވާތީ ގަބޫލުކުރަން ޖެހޭނެ، އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެކަން،" އޭނާ ބުންޏެވެ.
ވިއެޓްނާމްގެ ނެޝަނަލް ސެންޓަރ ފޯ ހައިޑްރޯ-މެޓިއޮރޮލޮޖިކަލް ފޯކާސްޓިންއިން ބުނި ގޮތުގައި، މި ތޫފާން ގަޑިއަކު 157 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހި، މެންދުރުފަހު 1:00 (ގްރީންވިޗް ޓައިމް 0600) ހާއިރު އަރާނެ ކަމަށް ލަފާކުރެވެއެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ތޫފާންތަކާއި ފެންބޮޑުވުން ފަދަ ގުދުރަތީ ކާރިސާތައް އިތުރުވަމުންދާއިރު، ހާއްސަކޮށް ހޫނު މޫސުމުގެ ސަރަހައްދުތަކުގައި މިފަދަ ކާރިސާތަކުގެ ބާރުގަދަވެ، ކުރިން ލަފާނުކުރެވޭ ގޮތަށް އެ ކާރިސާތައް ކުރިމަތިވެއެވެ. "އާންމުކޮށް އަޅުގަނޑުމެންނަށް ތޫފާނާއި ފެންބޮޑުވުން ކުރިމަތިވޭ، ނަމަވެސް މިހާ ބޮޑު ތޫފާނެއް މީގެ ކުރިން ނާދޭ،" 52 އަހަރުގެ ނުގުޔެން ތި ނަންހް ބުންޏެވެ.
ތޫފާން އެރުމަށްފަހު އޭގެ ބާރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ޖޮއިންޓް ޓައިފޫން ވޯނިންގ ސެންޓަރ އިން ބުނީ، ގަލްފް އޮފް ޓޮންކިންގެ ކޮންޓިނެންޓަލް ޝެލްފާ ގާތްވަމުންދާ ވަރަކަށް ތޫފާނުގެ ބާރު ދަށްވަމުންދާނެ ކަމަށެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވިއެޓްނާމްގެ ގިނަ އެތެރޭގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ޗައިނާގެ ހެއިނާން ރިސޯޓު ކައިރިން މި ތޫފާން ދަތުރުކުރުމުގެ ސަބަބުން އެ ރަށުގެ 20،000 ރައްޔިތުން ވަނީ ހިޖުރަކޮށްފައެވެ. އެ ރަށުގެ މައި ސިޓީ ކަމަށްވާ ސަންޔާގައި ވަނީ ރީތި މަންޒަރުތައް ފެންނަ ސަރަހައްދުތައް ބަންދުކޮށް، ވިޔަފާރިތައް ހުއްޓާލާފައެވެ.
ވިއެޓްނާމްގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ގުދުރަތީ ކާރިސާތަކުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވާއިރު، އިގްތިސާދީ ގެއްލުންތައް 21 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓައިފޫން ޔާގީ ވިއެޓްނާމްގެ އުތުރުގައި ހިނގި ބޮޑެތި ގެއްލުންތަކުގެ ސަބަބުން 3.3 ބިލިއަން ޑޮލަރުގެ އިގްތިސާދީ ގެއްލުން ލިބިފައިވެއެވެ. އަދި އެ ހާދިސާގައި ސަތޭކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.