ޚަބަރު
އިމްރާން އެމްޑީޕީއަށް، ބާކީ ފެކްޝަންތައް ރަތަށް!

ކުރީގެ ރައީސް ސާލިޙް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން

ފަރުދުން
25 އޯގަސްޓު 2025، 10:53
25 އޯގަސްޓު 2025، 10:53
އަދާލަތު ޕާޓީގެ ރައީސް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޝައިޚް އިމްރާން ޢަބްދުﷲ އެމްޑީީއަށް ސޮއި ކުރަން އެމްޑީޕީގެ ފައްޔާޒް ފެކްޝަންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުުގެ ފެކްޝަނުން ދެކޮޅު ހަދައިފިއެވެ.
2028ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ރިޔާސީ ޓިކެޓު ހޯދައިދިނުމަށާއި އެމަނިކުފާނުގެ ރަނިންގމޭޓްއަކަށް އިމްރާން ޢަބްދުﷲ ގެނައުމުގެ މަޝްވަރާގެ ތެރެއިން ކުރީގެ ރައީސް ސާލިޙްގެ އެންގުމަށް އެމްޑީޕީ އަށް ސޮއިކުރުމަށް އިމްރާން ރާއްޖެ ވަޑައިގަތީ މިދިޔަ ހަފްތާގެތެރޭގައެވެ.
މަޢުލޫމާތު އެނގޭ ފަރާތަކުން "ފަރުދުން"އަށް ވިދާޅުވީ، މި ޚަބަރު އެމްޑީޕީގެ ފައްޔާޒް ފެކްޝަން އަދި ރައީސް ނަޝީދުގެ ފެކްޝަން އަށް ލިބުމާއެކު އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދި އެކަން ނުކުރުމަށް ސާލިޙް އަމުރު ކުރެއްވުމުން އެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައި ކަމުގައެވެ.
އެފަރާތުން "ފަރުދުން"އަށް ވިދާޅުވީ، ރައީސް ސާލިޙްގެ ރަނިންގމޭޓް އަކަށް ގެނައުމަށް ކުރިން އެއްބަސްވެފައިވަނީ، މިހާރު މާލޭ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނެވި އާދަމް އާޒިމް ކަމުގައެވެ. ނަމަވެސް އާދަމް އާޒިމްއަށް މި ސަރުކާރު ތެރެއިން އެމަނިކުފާނާ ގުޅުންހުރި ކުންފުނިތަކަށް ބޮޑެތި ޕްރޮޖެކްޓުތަށް ދެމުންދާތީ އިތުބާރު ގެއްލިފައިވާތީ އެނިންމުން ބަދަލުކޮށްފައިވާކަން އެ މަސްދަރުން ކަށަވަރުކޮށްދެއެވެ. ކުރީގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އަކީ ނިމިދިޔަ ސަރުކާރުގައި އެންމެ ޕަރފޯމަންސް ރަނގަޅު ވަޒީރުކަމަށް ސާލިޙް ޤަބޫލް ކުރައްވާ ކަމަށާއި، ކެބިނެޓް ތެރޭ ހެދި ޕަރފޯމަންސް މެޓްރިކްސްގެ ގައިވެސް އެންމެ މަތިން މާކްސް ހޯދާފައިވަނީ އިމްރާން ޢަބްދުﷲ ކަމަށް އެފަރާތުން "ފަރުދުން" އަށް ވިދާޅުވިއެވެ.