ޚަބަރު
ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް، މަގުހެދުން، އަދި ހައުސިންގ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް، މަގުހެދުން، އަދި ހައުސިންގ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން.

ފަރުދުން
25 އޯގަސްޓު 2025، 03:11
25 އޯގަސްޓު 2025، 03:11
ހ.ދ. ނެއްލައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޑިންގީ ޕްލެޓްފޯމާއި، އެރަށު މަގުހެދުމުގެ މަސައްކަތާއި، 60 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިސޮއިކުރުން ކުރިއަށް ދިޔައީ، ހ.ދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ނެއްލައިދޫގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ޑިންގީ ޕްލެޓްފޯމާއި އެރަށު މަގުހެދުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.) އާ އެވެ. މިދެމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، އަދި އެމް.ޓީ.ސީ.ސީ. ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
އެއަށްފަހު، ހ.ދ. ނެއްލައިދޫގައި ޤާއިމުކުރުމަށް ކަނޑައެޅިފައިވާ 60 ހައުސިންގ ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރެވިގެން ދިޔައެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
ތިލަދުންމަތީ ދެކުނުބުރިއަށް (ހ.ދ. އަތޮޅަށް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ޒިޔާރަތަކީ ރައްޔިތުންގެ ގާތަށް ވަޑައިގަތުމުގެ ސިޔާސަތުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރޭގައި ނެއްލައިދުއަށް ވަޑައިގެން، 4 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި އިސްވެ ދެންނެވުނު 3 މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. މިއީ ނެއްލައިދޫގެ ކުރިއެރުމާއި ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކަން ފާހަގަކުރެވެއެވެ.