އިންތިޚާބުގައި ތިން ވޯޓު ކަރުދާސް އޮންނާތީ، ވޯޓުލުމަށް ހޭދަވާ ވަގުތު ދިގުވެދާނެ: އީސީ
މާދަމާ ފެށިގެންދާ އިންތިޚާބުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ދޫކުރަން ޖެހޭތީ، އެހެން އިންތިޚާބުތަކަށް ވުރެ ވޯޓުލުމަށް ގިނަ ވަގުތު ނަގާނެކަމަށް ލަފާކުރެވޭތީ އެކަމަށް ކެތްތެރިވެވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެ ކަރުދާސްކޮޅަކަށް ޚާއްސަ ކުރެވިފައިވާ ވަކި ފޮއްޓެއް ކޮންމެ މަރުކަޒެއްގައި ވެސް ބަހައްޓާފައި ހުންނާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.
ވޯޓުލާ މަރުކަޒަށް ފޯނު ވެއްދުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުން މަނާވާނެ
މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ދާއިރު އާންމު ރައްޔިތުން ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން ބުނީ ވޯޓުލާ މަރުކަޒަށް ދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި ގެންދަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު އެކަނި ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުގެ އެތެރެއަށް މޯބައިލް ފޯނު ވެއްދުމާއި، ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމަކީ މަނާކަމެއްކަން ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށާނެ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާދަމާގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ. އަދި ވޯޓުލާ ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްދުވަހެއްގައި ތިން ވޯޓެއް އެއްފަހަރާ ނެގޭ ފުރަތަމަ ފަހަރެވެ.