ޚަބަރު
ހދ. ނޮޅުވަރަންފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު ނޮޅިވަރަންފަރު ކައުންސިލާއި އ.ތ.މ.ކ މެމްބަރުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ހދ. ނޮޅިވަރަންފަރު ސްކޫލްގައި އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރަށްގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި، މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަވަސްކޮށްދިނުމަށެވެ. އަދި ދަނޑުވެރިންނަށް ކަރަންޓު ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށާއި، ޒުވާނުންނަށް ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް ޤާއިމުކޮށްދިނުމަށްވެސް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ.
ކައުންސިލުން އިތުރަށް އެދިވަޑައިގެންފައިވަނީ، ނޮޅިވަރަންފަރު ފަޅުތެރޭގައި ގިރައިގެންގޮސްފައިވާ ފިނޮޅު، ރަށު ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްޤީކޮށްދިނުމަށެވެ. މީގެއިތުރުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މުއައްސަސާތަކުގެ އިސްވެރިން ވަނީ ރަށަށް ސީ އެމްބިއުލަންސެއްގެ ބޭނުން ބޮޑުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.