ޚަބަރު
ނޮޅިވަރަންފަރުގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓް ރަސްމީކޮށް ރަށު ކައުންސިލާ ހަވާލުކޮށްފި

ނޮޅިވަރަންފަރުގައި ބިނާކޮށްފައިވާ ހައުސިންގ ޔުނިޓް ރަސްމީކޮށް ރަށު ކައުންސިލާ ހަވާލުކުރުން. ފޮޓޯ: ރައީސް އޮފީސް
ހދ. ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓު މިއަދު ރަސްމީކޮށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ. މި ޔުނިޓުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހައުސިން ޔުނިޓުތަކާ ގުޅޭ ލިޔެކިޔުންތައް ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
2022 ވަނަ އަހަރު ނިމުމަކަށް ގެނެވުނު މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަކީ އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ "މިރޭ ހަވާލުކުރެވުނު 100 ހައުސިން ޔުނިޓުން އެކަނި ނޮޅިވަރަންފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ފުރިހަމަ ހައްލެއް ނާންނާނެ" ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، އެ ރަށުގައި އިތުރު 250 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، އަންނަ މަހު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެއްވޭނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.
އަލަށް ތަރައްޤީކުރެވޭ ޔުނިޓްތަކަކީ ނޮޅިވަރަންފަރު ރައްޔިތުންގެ ތެރެއިން ގޯތި އޮވެ، ގޯތީގައި ގެ އެޅޭނެ ގޮތް ނެތިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ މަޝްރޫޢެއްގެ ދަށުން 3 ކޮޓަރީގެ ގެތައް އެޅުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުންވެސް އެރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.