ޚަބަރު
ރައީސް، މަކުނުދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް، މަކުނުދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކާނި މާލަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، މަކުނުދޫ އެއާރޕޯޓުގެ މަސައްކަތާއި އެރަށުގައި މިއަދު ބިންގާ އެޅުނު މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. ހަމަ މިއާއެކު، އެރަށުގެ އިންޖީނުގޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަކުނުދޫގައި މިހާރު ހަދަމުންދާ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި، މަކުނުދޫ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެ ކައުންސިލަށް އައު އިމާރާތެއް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ މިއާއެކު، ރަށުގައި ސޯޝަލް ހައުސިންގ ޔުނިޓް ޤާއިމުކޮށްދެއްވުމަށް ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.