ދުނިޔެ
ޣައްޒާގައި ނޫސްވެރިން ގަތުލުކުރުން: ރޮއިޓާސްގެ ސިޔާސަތާ ހެދި ނޫސްވެރިޔަކު އިސްތިއުފާ ދީފި

ރަޮއިޓަރސް ނިއުސް އެޖެންސީގައި އަށް އަހަރު ދުވަހު މަސައްކަތްކުރި ވެލޭރިއާ ޒިންކްގެ ޕޮރެސް ކާޑު
ޣައްޒާގައި އިޒްރޭލުން ހިންގާ ހަނގުރާމައިގައި ނޫސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކަށް ރޮއިޓާސް ނިއުސް އެޖެންސީން ދެމުންދާ ކަވަރޭޖާއި ގުޅިގެން، އެ ނިއުސް އެޖެންސީގައި އަށް އަހަރު ދުވަހު މަސައްކަތްކުރި ވެލޭރިއާ ޒިންކް ނަމަކަށްކިއާ ނޫސްވެރިއަކު އިސްތިއުފާ ދީފިއެވެ. މި ނޫސްވެރިޔާ ބުނެފައިވަނީ ޣައްޒާގައި ނޫސްވެރިން ސިސްޓަމެޓިކްކޮށް ގަތުލުކުރުމަށް ރޮއިޓާސްއިން މަގުފަހިކޮށްދީ، ހައްގުކުރަމުންދާ ކަމަށެވެ.
އެ ނޫސްވެރިޔާ ބުނި ގޮތުގައި، ޣައްޒާގައި މިހާތަނަށް 245 ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދީފައިވާއިރު، ރޮއިޓާސްގެ ސިޔާސަތުތަކާ އެކު އެ ނޫސް އެޖެންސީގައި މަސައްކަތް ކުރެވޭނެ ގޮތެއް މިހާރު ނެތެވެ. މި ނޫސްވެރިޔާގެ މަސައްކަތްތައް ނިއުޔޯކް ޓައިމްސް، އަލްޖަޒީރާ އަދި އެހެނިހެން ބައިނަލްއަޤްވާމީ މީޑިއާތަކުގައި ޝާއިޢުކޮށްފައިވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް-ޝަރީފްގެ މަރު:
މި އަހަރުގެ އޮގަސްޓް 10 ގައި އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް-ޝަރީފްއާއި، އަލްޖަޒީރާގެ މުޅި ޓީމު ޣައްޒާ ސިޓީގައި އިޒްރޭލުން ގަތުލުކުރި ހާދިސާގައި، ރޮއިޓާސްއިން ވަނީ އަނަސް އަލް-ޝަރީފަކީ ހަމާސްގެ މެމްބަރެއް ކަމަށް އިޒްރޭލުން ދެމުންދިޔަ އެއްވެސް ހަޤީޤަތެއް ނެތް ދަޢުވާތައް ޝާއިޢުކޮށްފައެވެ. މިފަދަ ދޮގު މައުލޫމާތުތައް ރޮއިޓާސް ފަދަ މީޑިއާތަކުން ތަކުރާރުކޮށް ޝާއިޢުކުރުމަކީ އިޒްރޭލުގެ ޕްރޮޕެގެންޑާއަށް އެއްބާރުލުން ދިނުމެއް ކަމަށް އިސްތިއުފާދިން ނޫސްވެރިޔާ ބުނެއެވެ.
ރޮއިޓާސްގެ އަމިއްލަ ނޫސްވެރިންނަށް ދިން ހަމަލާތައް:
އިޒްރޭލުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ރޮއިޓާސްއިން ދެމުންދާ އެއްބާރުލުން އެ ނޫސް އެޖެންސީގެ އަމިއްލަ ނޫސްވެރިންވެސް އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްކޮށްދީފައި ނުވެއެވެ. ނާޞިރު ހޮސްޕިޓަލަށް ދިން ދެވަނަ ހަމަލާ ("ޑަބަލް ޓެޕް ސްޓްރައިކް") ގައި، ރޮއިޓާސްގެ ކެމެރާ މޭން ހޮސާމް އަލް-މަޞްރީ ހިމެނޭ ގޮތަށް ފަސް ނޫސްވެރިއަކު، މިއަދު ހެނދުނު ޝަހީދުވެފައިވެއެވެ. "ޑަބަލް ޓެޕް" ހަމަލާއަކީ، އިޒްރޭލުން ރައްޔިތުން ދިރިއުޅޭ ސަރަޙައްދަކަށް ނުވަތަ ހޮސްޕިޓަލަކަށް ބޮން ގޮއްވައި، ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި، ސަލާމަތީ މަސައްކަތްތެރިންނާއި، ނޫސްވެރިން އެ ސަރަޙައްދަށް ދިއުމަށްފަހު ދެވަނަ ފަހަރަށް ހަމަލާދިނުމެވެ.
ހުޅަނގުގެ މީޑިއާގެ ޒިންމާ:
މި ނޫސްވެރިޔާ ބުނި ގޮތުގައި، މިފަދަ ކަންކަން ހިނގުމަށް މާހައުލު ތަނަވަސްކޮށްދިނުމުގައި ހުޅަނގުގެ މީޑިއާ ސީދާ ޒިންމާދާރެވެ. ޑްރޮޕް ސައިޓް ނިއުސްގެ ޖެރެމީ ސްކެހިލް ވިދާޅުވެފައިވާ ފަދައިން، ނިއުޔޯކް ޓައިމްސް، ވޮޝިންގޓަން ޕޯސްޓް، އޭޕީ، އަދި ރޮއިޓާސް ފަދަ ހުރިހާ ބޮޑެތި މީޑިއާ އައުޓްލެޓްތަކަކީ އިޒްރޭލުގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ. އެމީހުން ހަނގުރާމައިގެ ޖަރީމާތައް ސާފުކޮށް، ޤުރުބާން ފަރާތްތައް އިންސާނިއްޔަތުން ބޭރުކޮށް، އެމީހުންނާއި އެކު މަސައްކަތްކުރާ ފަރާތްތައް ދޫކޮށްލާފައި، ތެދުވެރި އަދި އަޚްލާގީ ރިޕޯޓިންގއަށް ދޭންޖެހޭ އަހައްމިއްޔަތުކަން ދޫކޮށްލާފައިވެއެވެ.
އިޒްރޭލުގެ ދޮގު ވާހަކަތައް އެއްވެސް ތެދުކަމެއް ނެތި ތަކުރާރުކޮށް ޝާއިޢުކުރުމަކީ ނޫސްވެރިކަމުގެ އެންމެ އަސާސީ ޒިންމާ ދޫކޮށްލުން ކަމަށް އިސްތިއުފާދިން ނޫސްވެރިޔާ ބުނެއެވެ. މިކަމުގެ ސަބަބުން ޣައްޒާ ފަދަ ކުޑަ ބިމެއްގައި، ދެ އަހަރު ތެރޭގައި، ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައާއި، ކޮރެއާ، ވިއެޓްނާމް، އަފްޣާނިސްތާން، ޔޫގޮސްލާވިޔާ، އަދި ޔޫކްރެއިންގެ ހަނގުރާމަތަކުގައި ޝަހީދުވި ނޫސްވެރިންގެ ޖުމްލަ ޢަދަދަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލެވިފައިވެއެވެ. މިއީ އެއްވެސް އާބާދީއެއް ބަނޑަށް ޖައްސައި، ކުޑަކުދިން ގަތުލުކޮށް، މީހުން ދިރިއުޅެނިކޮށް އަނދާ ހުލިކޮށްލުމަށްވުރެ ނުބައި ކަމެއް ކަމަށްވެސް އެ ނޫސްވެރިޔާ ފާހަގަކުރިއެވެ.
އަނަސް އަލް-ޝަރީފްއަށް ރޮއިޓާސްއިން އެއްބާރުލުން ނުދިނުން:
އަނަސް އަލް-ޝަރީފްގެ މަސައްކަތަށް ރޮއިޓާސްއަށް ޕުލިޓްޒާ އިނާމު ލިބުނު ކަމުގައިވީ ނަމަވެސް، އިޒްރޭލުގެ ހަނގުރާމަވެރި ފައުޖުތަކުން އޭނާއަކީ ހަމާސް ނުވަތަ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިއެއް ކަމަށް ތުހުމަތުކޮށް، "ހިޓް ލިސްޓް" އަކަށް ލީ ހިނދު، ރޮއިޓާސްއިން އޭނާއަށް އެއްވެސް ދިފާއެއް ދީފައެއް ނުވެއެވެ. އޭނާ މަރުވެގެން ދިޔުމާ ހަމައަށްވެސް ރޮއިޓާސްއިން އޭނާގެ މަރު ތެދުވެރިކަމާއެކު ރިޕޯޓުކޮށްފައެއް ނުވެއެވެ.
ނޫސްވެރިޔާގެ ކަންބޮޑުވުން:
އިސްތިއުފާ ދިން ނޫސްވެރިޔާ ބުނެފައިވަނީ، ފާއިތުވެދިޔަ އަށް އަހަރު ދުވަހު ރޮއިޓާސްއަށް ކޮށްފައިވާ މަސައްކަތަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ނަމަވެސް، ޣައްޒާގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ހާލަތާ އެކު، މިހާރު ރޮއިޓާސްގެ ޕްރެސް ޕާސް އަޅައިގެން އުޅެންޖެހެނީ ބޮޑު ލަދުވެތިކަމާއި ހިތާމައާ އެކުގައި ކަމަށެވެ. ޣައްޒާގެ ނޫސްވެރިންގެ ހިތްވަރާއި ޤުރުބާނީއަށް ހައްގު އަގުވަޒަން ކުރެވޭނެ ގޮތެއް ނޭނގޭ ކަމަށް އެ ނޫސްވެރިޔާ ބުނެފައިވެއެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި އޭނާގެ ހުރިހާ މަސައްކަތެއްވެސް ހުސްކުރާނީ ޣައްޒާގެ ނޫސްވެރިންނަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ނޫސްވެރިޔާ ބުނެއެވެ. އަދި ނޫސްވެރިޔާވަނީ އޭނާ ރޮއިޓަރސްގައި މަސައްކަތްކުރަން ބޭނުންކުރާ ޕްރެސް ކާޑު ދެބުރިއަސް ކަފާލާފައެވެ.