ޚަބަރު
ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ހދ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެއަށް/ފޮޓޯ: ރައީސް އޮފީސް
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އެއީ ހދ. ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީއެވެ. ރައީސް ވަނީ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އަތޮޅުގައި ފަތުރުވެރި މަންޒިލްތައް ޤާއިމުކުރެއްވުމުގެ ގޮތުން މުހިންމު މަސައްކަތްތައް ފެށްޓެވުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން ވައިގެބަނދަރުތަކާއި، ވިޔަފާރި ބަނދަރާއި، ކަނޑުދަތުރުފަތުރާ ގުޅުންހުރި ބިނާރު ތަރައްޤީކުރެއްވުމާއި އަޕްގްރޭޑްކުރެއްވުމަށް މަޝްރޫޢުތައް ވަނީ ފަށްޓަވާފައެވެ.
މީގެ އިތުރުން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ނިންމެވި މުހިންމު ނިންމެވުންތައް ހިމެނޭހެން، ޖުމުލަކޮށް ސަރުކާރުގެ ނޮދަރން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯންގެ ތަޞައްވަރަށް މަގުފަހިވާ ފަދަ މުހިންމު މަސައްކަތްތައް މި ދަތުރުގައި ހިމެނިގެން ކުރިއަށްގެންދަވާފައިވެއެވެ. ހަމަ މިއާއެކު، މި ދަތުރުފުޅުގައި ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާ، ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރި 9 ވަނަ އަތޮޅަކަށް މިއަތޮޅު ވަނީ ހައްދަވާފައެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ސިޔާސަތެކެވެ.