ރިޕޯޓް

ރައީސްގެ ތިލަދުން ދެކުނު ދަތުރުން އަތޮޅަށް ތަރައްޤީ އާއި ތަމައްދުންގެ އުންމީދު އާކޮށްދެއްވައިފި

ރައީސްގެ ތިލަދުން ދެކުނު ދަތުރުން އަތޮޅަށް ތަރައްޤީ އާއި ތަމައްދުންގެ އުންމީދު އާކޮށްދެއްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2025، 09:06

27 އޯގަސްޓު 2025، 09:06

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްރަށަށް ކުރެއްވެވި ދަތުރުފުޅުން އެ އަތޮޅަށް ތަރައްޤީ އާއި ތަމައްދުންގެ އުންމީދުތައް އާކޮށްދެއްވައިފިއެވެ. އެގޮތުން އެ އަތޮޅުގެ ހުރިހާ ރަށްރަށުގައި އެކި ދާއިރާތަކުން ތަރައްޤީގެ އެކި މަޝްރޫޢުތައް ފައްޓަވައިދެއްވައި، އަތޮޅާއި ވަކިވަކި ރަށްރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އިޢުލާނުކޮށްދެއްވައި ރައްޔިތުންނަށް ތަރައްޤީގެ އުންމީދު އައު ކޮށްދެއްވާފައިވެއެވެ. 

މުޅި އަތޮޅަށް ބަލާނަަމަ ތިލަދުންމައްޗަކީ ރާއްޖޭގެ ނިސްބަތުން ރިސޯޓުތައް މަދު އަތޮޅެކެވެ. އެހެންކަމުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ފަތުރުވެރިކަމަށް ޚާއްޞަކޮށް 10 ވަރަކަށް ސަރަޙައްދު ބިޑަށް ހުޅުވާލައި، އިންވެސްޓަރުންނަށް ޚާއްސަ ލުއިތަކެއް ދީފައިވެއެވެ. އަދި ހުއްޓިފައިވާ ނާގޯށި މަޝްރޫޢުވެސް އަލުން ފެށުމަށް އެމްޓީޑީސީއަށް މާލީ ލުއިތަކެއް ދީފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ނާގޯށި ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަން މި ދަތުރުފުޅުގައި އެ މަނިކުފާނުވަނީ އިޢުލާނުކުރައްވައިފައެވެ. 

މިކަން އެ މަނިކުފާނު އިޢުލާނު ކުރައްވާފައިވަނީ ހދ. ނައިވައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، އަމާޒަކީ ހދ. އަތޮޅަކީ ފަތުރުވެރިކަން ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ފަތުރުވެރިކަން ތަރައްޤީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުޅުވާލާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއާއެކު، އެ އަތޮޅުގެ ފަތުރުވެރިކަމާ ދެން ގުޅިލާމެހެނީ، ހަނިމާދޫގައި ތަރައްޤީ ކުރަމުންދާ ބައިނަލްއަޤުވާމީ އެއާރޕޯޓާއެވެ. އަހަރަކު 1.3 ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެގޮތަށް ކުރިޔަށްގެންދާ މި މަޝްރޫއާ ގުޅިގެން ރައީސް ވަނީ އުންމީދީ ވާހަކަތަކެއް އިއްވަވައިފައެވެ.

އެގޮތުން ރައީސް ވިދާޅުވެފައިވަނީ ހަނިމާދޫ އެއާރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަމަށާއި، މި ފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ ވައިގެ ބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރު ކުރެއްވޭނޭކަމަށެވެ. 

މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުގައި އޭ-320 އަދި ބޮއިންގް-737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއްފަހަރާ 9 ފްލައިޓް ކުރެވޭނެ ޖާގައިގެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

މީގެ އިތުރުން މި އެއާރޕޯޓު ވެގެންދާނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު ފިޔަވާ އެރޯ ބުރިޖު ބޭނުންކުރާ ފުރަތަމަ އެއާރޕޯޓަށެވެ. އެހެންކަމުން މިއީ އުތުރުގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫއެކެވެ.

ފަތުރުވެރިކަމުގެ އިތުރުން، ބައިނަލްއަޤުވާމީ ދަތުރުތަކަށް އެ އެއާރޕޯޓު ބޭނުންކުރާ ދިވެހިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވުމެވެ.

މީގެ އިތުރުން، އަތޮޅުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނެ ފަދައިން، އެއަރޕޯޓުން ބޭރުގައިވެސް ޑޮލަރު އޭ.ޓީ.އެމްއެއް ބަހައްޓައިދެއްވާނޭކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަކިވަކިރަށްރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށް ބޭނުންވާ މަޝްރޫޢުތައް ފެއްޓެވުމާއި އެފަދަ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަން ފައްޓަވާނެ ކަން ވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައިވެއެވެ.

  • ހދ. ހިރިމަރަދޫއަށް ވަޑައިގެންނެވުން:

ހދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް މުޢިއްޒުކުރެއްވި ދަތުރުފުޅު ފައްޓަވާފައިވަނީ އެއަތޮޅު ހިރިމަރަދޫއިންނެވެ. ހިރިމަރަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ދޮޅު އަހަރުތެރޭ ހަނިމާދޫއަށް ހިޖުރަކުރެވޭނެ ކަމަށެވެ. ރައީސްގެ ދަތުރުފުޅުގައި ހަނިމާދޫއަށް ބަދަލުވާ ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޤާއިމްކުރާ ހައުސިންގ ޔުނިޓްތައް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގޯތިގެދޮރާއި ބެހޭ ވުޒާރާއާއި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދުއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ގޯޗެއް، އަދި އެ ގޯތީގައި ގެއެއްއަޅާ، ގެއާއި ތަޅުދަނޑީގެ އިތުރުން ފައިސާ ހަވާލުކުރެވިގެންދާނެ ކަމަށެވެ. ހިރިމަރަދޫއިން ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން، މުނިސިޕަލް ޙިދުމަތްވެސް ފުރިހަމަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަގުތަށްވެސް ރަނގަޅު ފެންވަރުގައި ހެދުމަށްފަހު ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާދެއްވުމަށް ޢަޒުމް ހިފާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

  • ހދ. ފިނޭއަށް ވަޑައިގެންނެވުން:

ހިރިމަރަދޫއަށް ފަހު ފިނޭއަށް ރައީސް މުޢިއްޒު ވަނީ ވަޑައިގެންފައެެވެ. އެރަށަށް ވަޑައިގެން ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ފިނޭގައި މިވަގުތު ކުރިއަށްދާ ބަނދަރު މަޝްރޫޢުގައި ރައްޔިތުން އެދޭ ބަދަލުތަކެއް ގެނެސް، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެކަންކަން ހިމަނައިގެން ކުރިއަށް ގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީއަށްޓަކައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް އަހައްމިއްޔަތުކަން ދެއްވާނެކަމަށާއި، ސްކޫލު ހުރި ސަރަޙައްދު ބަދަލުކުރުމުގެ މަސައްކަތް ވެސް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ކުނި މެނޭޖުކުރާ މަރުކަޒެއް އަދި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމާއި، ކުޑަކުދިންގެ ޕާކެއް އެޅުމާއި، ހަކަތައިގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދައިދިނުން ހިމެނޭގޮތަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށާއި، މި މަޝްރޫޢުތަކަކީ ސަރުކާރުން އިސްކަންދޭނެ ކަންތައްތަކެއްކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.

ފިނޭއަށް ރައީސް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ފިނޭގައި އަޅާ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. މީގެއިތުރުން ފިނޭގައި ޤާއިމްކުރާ އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވާފައިވެއެވެ. ހަމަމިއާއިއެކު ފިނޭގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް އަޅައިފައިވެއެވެ. 

  • ހދ. ހަނިމާދޫއަށް ވަޑައިގެންނެވުން:

ފިނޭއަށްފަހު ރައީސް ވަޑައިގެންނެވީ ހަނިމާދޫއަށެވެ. ހަނިމާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤުވާމީ ދަތުރުތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއަރޕޯޓުގައި ބީއެމްއެލްގެ ކައުންޓަރެއް ބަހައްޓައި، ޑޮލަރު ގަތުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ. 

އަދި އެއަރޕޯޓުން ބޭރުގައި ޑޮލަރު އޭޓީއެމްއަކާއި، ބީއެމްއެލް އަދި އެމްއައިބީގެ ރުފިޔާ އޭޓީއެމްތައް ބެހެއްޓުމުގެ އިތުރުން، ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށެވެ.

ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު އެޗްޑީސީއާ ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން ވަކި ސަރަހައްދެއްގައި ހައުސިންގ ޔުނިޓު އެޅުމާއި، ގޯތިތަކުގައި ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢުވެސް ކުރިއަށްގެންދެވޭނެއެވެ.

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި މަޝްރޫޢު ކުރިއަށްގެންދެވޭނީ ހަނިމާދޫ ދަރިވަރުންނާއި ހިރިމަރަދޫއިން ބަދަލުވާ ދަރިވަރުންނަށް ޖާގަ ލިބޭނެ ގޮތަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ހަނިމާދޫއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ރަށެކެވެ.

ރައީސް ހަނިމާދޫއަށް ކުރެއްވެވި ޒިޔާރާތުގެ ތެރެއިން ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައިވެއެވެ. މީގެއިތުރުން ހަނިމާދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްދެއްވިއެވެ. ހަމަމިއާއެކު ހަނިމާދޫ ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިިފައިވެއެވެ. 

  • ހދ. ނައިވާދޫއަށް ވަޑައިގެންނެވުން:

ހަނިމާދޫއަށްފަހު ދެން ރައީސް ވަޑައިގެެންނެވީ ނައިވާދޫއަށެވެ. ރައީސް މުޢިއްޒު ވަނީ ނައިވާދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ރާވާފައިވާކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމަށްފަހު، އެ މަސައްކަތަށް އިސްކަންދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑު އެޅުން، ސްކޫލު ހޯލުގެ މަސައްކަތް އަވަސްކުރުން، ބަނދަރު ހެދުން، ނަރުދަމާ ނިޒާމު ނިންމުން، ސިއްޙީ މަރުކަޒު ތަރައްޤީކުރުން، މަގުތައް ޒަމާނީ ފެންވަރަށް ހެދުން އަދި ކަރަންޓުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ.

ނައިވާދޫއަށް ރައީސް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ނައިވާދޫގައި ޤާއިމް ކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް ވަނީ އިފްތިތާޙް ކޮށްދެއްވައިފައެވެ. މީގެއިތުރުން ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. 

ހަމަމިއާއެކު ނައިވާދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، ނައިވާދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި އެކު ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައިވެއެވެ.

  • ހދ. ނެއްލައިދޫއަށް ވަޑައިގެންނެވުން:

ނައިވާދޫއަށް ފަހު ރައީސް މުޢިއްޒު ދެން ވަޑައިގަތީ އެއަތޮޅު ނެއްލައިދޫއަށެވެ. ނެއްލައިދޫއަށް ވަޑައިގެން ވިދާޅުވީ ނެއްލައިދޫ ޞިއްހީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ރޭވިފައިކަމަށެވެ. މިގޮތުން މި އަހަރާއި އަންނަ އަހަރު ތެރޭގައި ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން އިތުރުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މި ރަށުގައި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރުތަކުގެ ވަސީލަތްތައް ޤާއިމްކުރުމަށް ނިންމާފައެވެ. އަދި ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމު މިއަހަރު ހަމަޖެހޭނެ ކަމަށާއި، އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 ނެއްލައިދޫއަށް ރައީސް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ބިނާ ކުރުމުުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ. މީގެއިތުރުން ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފައިވެއެވެ. ހަމަމިއާއި އެކު ފިޓްނަސް އެންޑް ރިކްރިއޭޝަނަލް ސެންޓަގެ ޢަމަލީ މަސައްކަތް ފަށައި ކައުންސިލް އިދާރާގެ ޢިމާރާތުގެ މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ. ހަމަމިއާއިއެކު ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި އެ ރަށު މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

  • ހދ. ނޮޅިވަރަމަށް ވަޑައިގެންނެވުން:

 ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތް ކުރުކުރައްވައި ރައީސް މުޢިއްޒު ދެން ވަޑައިގަތީ އެއަތޮޅު ނޮޅިވަރަމަށެވެ. ނޮޅިވަރަަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ނޮޅިވަރަމަކީ އާބާދީ އާއި ބިން ބޮޑު ރަށަކަށްވުމާއެކު، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް މި އަހަރު އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހޮސްޕިޓަލް ނިމެންދެން ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިންސާނީ އަދި މާއްދީ ވަސީލަތްތައް އިތުރުކުރެވޭނެކަމަށްެވެސް ވިދާޅުވިއެވެ.

ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 6 މަސްދުވަހުގެ ތެރޭގައި ދަނޑުބިންތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކޭބަލް އެޅުމާއި އިންޖީނުގެ ބަދަލުކުރުން ހިމެނާކަމަށާއި، މީގެއިތުރުން ކުޅިވަރުގެ ދާއިރާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ގޮތުގައި ތަރައްޤީކުރުމާއި، ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަރޑަށް އަޕްގްރޭޑްކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި ދަނޑުވެރިކަމުގެ ބޭނުންތަކަށް ފިހާރައެއް ޤާއިމުކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުހެދުމުގެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވި، މި މަޝްރޫޢުތައް އަވަސް ދުވެއްޔެއްގައި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވާފައިވެއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އެރަށުގެ ތަރައްޤީގެ ތިން މަޝްރޫޢެއްގައި ސޮއިކުރެވި އިތުރު ދެ މަޝްރޫޢެއެގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވައިފައިވެއެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ފިހާރައެއް ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އަދި ބަނދަރު ހެދުމުގެ މަޝްރޫޢެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްވެސް މެއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 52.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާއެވެ. މި މަސައްކަތުގެ ދަށުން 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް އަދި 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމަން ވަނީ އެއްބަސްވެފައެވެ.

އެ ރަށު ބަނދަރު ހެދުމުގެ މަޝްރޫޢު 85.4 މިލިއަން ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމާއި، ބްރޭކްވޯޓަރ އަދި ރިވެޓްމަންޓް ޖެހުމުގެ އިތުރުން މޫރިންގް ބޮއި، ރޭމްޕް، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

މީގެއިތުރުން، ނޮޅިވަރަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއީ ސަރުކާރުން 5 އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެކެވެ.

މީގެއިތުރުން އެ ރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ރައީސް ޑރ މުޢިއްޒު ވަނީ ފައްޓަވައިދެއްވައިފައެވެ. 

  • ހދ. ނޮޅިވަރަންފަރަށް ވަޑައިގެންނެވުން:

ނޮޅިވަރަމަށްފަހު ދެން ރައީސް ވަޑައިގެންނެވީ ނޮޅިވަރަންފަރަށެވެ. އެ ރަށަށް ވަޑައިގެން އެރަށު ރައްޔިތިުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިން ނޮޅިވަރަންފަރުގެ ތަރައްޤީއާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ. މީގެ ތެރޭގައި ހެލްތު ސެންޓަރު އެކްސްޓެންޝަން، ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަސީލަތްތައް، ބަނދަރު ބޮޑުކުރުން އަދި ފުޓުބޯޅަ ދަނޑާއި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބިން ރަށު ކައުންސިލާ ހަވާލުކުރުން ވެސް ހިމެނެއެވެ.

މީގެއިތުރުން، ރަށުގައި އިމާރާތްކުރެވުނު 100 ހައުސިންގް ޔުނިޓު ވަނީ ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ. 

ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިކަމަށް ވިދާޅުވެ، ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ވެމްކޯއިން ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ.

  • ހދ. މަކުނުދޫއަށް ވަޑައިގެންނެވުން:

ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތް ކުރުކުރައްވައި ދެން ރައީސް ވަޑައިގަތީ އެއަތޮޅު މަކުނުދޫއަށެވެ. މަކުނުދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަކުނުދޫގެ ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ ރަށުގައި އެއާޕޯޓެއް ގާއިމްކުރުމަކީ މުހިންމުކަމެއްކަމަށެވެ. މި އެއާޕޯޓަކީ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދޮރާށްޓެއް ކަމުގައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަކުނުދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، އެއާރޕޯޓް ތަރައްޤީކުރުމާއި، މަގުހެދުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އެއާޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވާއިރު، ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. އެއާރޕޯޓް އޮޕަރޭޓްކުރާނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.

މީގެއިތުރުން، މަކުނުދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ލެވެލް 4ގެ ޞިއްޙީ މަރުކަޒެއް ޤާއިމްކުރުމަށް ނިންމާފައިވާކަން ވެސް އިޢުލާންކޮށްފައިވެއެވެ. މި މަރުކަޒުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން އެކްސްރޭ އަދި ޑަޔަލިސިސްގެ ޚިދުމަތް ލިބެން ހުންނާނެއެވެ. 

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މަކުނުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.

  • ހދ. ވައިކަރަދޫއަށް ވަޑައިގެންނެވުން:

މަކުނުދޫއަށްފަހު ރައީސް ވަނީ ހދ ވައިކަރަދޫއަށް ވަޑައިގަންނަވައިފައެވެ. އެ ރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 އަދި ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކުރައްވައި، މޫދަށް އެރޭނެ ސަރަޙައްދަކާއެކު ބަނދަރުގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަސައްކަތް މި އަހަރު ނިންމަވައި، އަންނަ ދިރާސީ އަހަރަށް ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ. އަދި އިންޖީނުގޭގެ ޙާލަތު ރަނގަޅުކުރުމަށް އިސްކަންދެއްވައި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިންނަށް ދިމާވެފައިވާ މުދާ ފެރީގެ ދަތިކަން ހައްލުކުރުމަށް، މުދާފެރީ ވައިކަރަދޫން ފުރާގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމަށާއި، މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ވައިކަރަދޫގެ ތަރައްޤީއަށް އެކި ދާއިރާތަކުން ކަންކަން ކުރެއްވުމަށް ހިމަނުއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

  • ހދ. ނޭކުރެންދޫއަށް ވަޑައިގެންނެވުން:

ނޭކުރެންދޫއަށް ރައީސް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން ނޭކުރެންދޫގެ ސްވިމިންގ ޓްރެކް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެެވެ. ރައީސް ވިދާޅުވެފައިވަނީ ބަނދަރުގެ މަޝްރޫޢުގެ ދަށުން 100 ފޫޓުގެ އިތުރު ޖާގައާއެކު، ދޯނި އެހެލާ ސަރަޙައްދަކާއި މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރެވޭނެކަމަށެވެ.  އަދި ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށް ވިދާޅުވިއެވެ.

އާ ދިރާސީ އަހަރަށް ސްކޫލްގެ އާ އިމާރާތް ނިންމުމަށާއި، މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އަހަރުގެ ކުރީކޮޅު މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

މި ދަތުރުފުުޅުގެ ތެރެއިން ނޭކުރެންދޫ ސްވިމިންގ ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދަވާނީ ބަނދަރުގެ މަސައްކަތާ އެކުއެކީގައިކަމަށެވެ. މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫޢު ނިމިގެންދާނީ، އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ބަނދަރުގެ ޖާގައަށް 100 ފޫޓު އިތުރުކުރައްވައިގެންކަމަށާއި، ދޯނި އެހެލާ ސަރަޙައްދަކާއި، މޫދަށް އެރޭ ސަރަޙައްދެއްވެސް މި މަޝްރޫޢާއެކުގައި ކުރިއަށްގެންދަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. މީގެއިތުރުން ނޭކުރެންދޫގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށާއި، އެ ރަށުގެ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމުގެ ތެރޭގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވެފައިވެެއެވެ.

މީގެއިތުރުން، ފުޓުބޯޅަ ދަނޑަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރައީސްގެ ދަތުރުފުޅުގެ ތެރެއިން ނޭކުރެންދޫ ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފައިވެއެވެ. ހަމަމިއާއިއެކު ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވައިފައިވެއެވެ.

  • ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންނެވުން:

ކުޅުދުފުށްޓަށް ވަޑައިގެން ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3ވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ހަމަމިއާއިއެކު ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރުމާއި، ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢު އެޗްޑީސީ އާ ހަވާލުކޮށްފައިވެއެވެ. މި 2000ބހައުސިންގ ޔުނިޓުގެ ތެރެއިން 700 ޔުނިޓު ތަރައްޤީކުރެވޭނީ އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ޚާއްސަ ސްކީމެއްގެ ދަށުންނެވެ. އަދި ބާކީ 1300 ޔުނިޓު ތަރައްޤީކުރެވޭނީ ޕަބްލިކް ހައުސިންގގެ ގޮތުގައެވެ.

  • ހދ. ކުރިނބިއަށް ވަޑައިގެންނެވުން:

ހދ. ކުރިނބީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ބަލާއިރު ފުރިހަމަކޮށްދޭން ބޭނުންވާ ކަންކަން ކުރިނބީގައި އެބަހުރި ކަމަށެވެ. މީގެއިތުރަށް ރައީސް ވިދާޅުވީ އެ ރަށު ފުޓްބޯޅަ ދަނޑު ފުރިހަމަ ކުރެވިގެންދާނީ ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކާއި އެކީގައި ކަމަށެވެ.

މިހާރު ބޭނުންކުރަމުންދާ ފުޓްސަލް ދަނޑު ހަލާކުވެފައިވާތީ، މި އަހަރުގެ ތެރޭގައި އެ ދަނޑުގެ ޓާފް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއިއެކު ކުރިނބީގައި ހޭންޑްބޯޅަ ކޯޓެއް އެޅުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ކުރިނބީ ޒިޔާރަތުގެ ތެރެއިން ކުރިނބީގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފަށައިފައިވެއެވެ. މީގެއިތުރުން ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި، ސްކޫލްގެ މަލްޓި ޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވެއެވެ. ހަމަމިއާއިއެކު އެ ރަށުގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިިފައިވެއެވެ.

  • ހދ. ކުމުންދޫއަށް ވަޑައިގެންނެވުން:

ހދ. އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތީ ކުމުންދޫއަށެވެ. ކުމުންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ކުމުންދޫގެ ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ރައްޔިތުން އެދޭ ސަރަޙައްދަކަށް ބަނދަރު ބަދަލުކޮށް، ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށެވެ. މި މަޝްރޫޢުގެ ތެރޭގައި މޫދަށް އެރޭނެ ސަރަހައްދެއްވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުމުންދޫގެ އަސާސީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، މަގު ހެދުމުގެ މަޝްރޫޢާއި، ސްކޫލްގެ މަލްޓި-ޕާރޕަސް ހޯލުގެ އެއްބަސްވުމުގައި ސޮއިކުރެވި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ވަނީ އިފްތިތާޙްކުރައްވާފައެވެ. ސްކޫލްގެ މަލްޓި-ޕާރޕަސް ހޯލުގެ މަސައްކަތް ދެތިން މަސްދުވަހުގެ ތެރޭގައި ފެށި، އިތުރު ވަސީލަތްތައްވެސް ގާއިމުކުރެވިގެންދާނެކަމަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުމުންދޫއަށް ލިބިގެންދާ ކުރިއެރުންތަކުގެ ތެރޭގައި، ފުޓްބޯޅަ ދަނޑު ފުރިހަމަކުރުމާއި، ފުޓްސަލް ދަނޑު، ހޭންޑްބޯލް ކޯޓު އަދި ވޮލީ ކޯޓު އެޅުން ހިމެނެއެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު، ފުލުހުންގެ މަރުކަޒު، ހެލްތު ސެންޓަރުގެ ބިންގާ އެޅުމާއެކު، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ކުމުންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފައިވެއެވެ. ހަމަމިއާއިއެކު ކުމުންދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފައިވެއެވެ. 

އަދި ކުމުންދޫގެ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފަށައި، ކުމުންދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށް، އެ ރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައި ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައިވެއެވެ. 

ރައީސް މުޢިއްޒުގެ ދަތުރުފުޅު ނިންމަވާލައްވާފައިވަނީ މުޅި އަތޮޅަށް ތަރައްޤީގެނެސްދެއްވާނެ ކަމުގެ އުންމީދު އައު ކޮށްދެއްވަމުންނެވެ. މުޅި އަތޮޅަށާއި ވަކިވަކި ރަށްރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އިޢުލާނުކޮށްދެއްވައި ގިނަ ކަންތައްތަކެއް ވަނީ ފަށްޓަވައިދެއްވައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން