Ads by Stelco

ޚަބަރު

އެމްއެންޔޫއިން ލައިބްރަރީ ދުވަސް ފާހަގަކުރަނީ ފޮތުގެ ލޯބި އާލާކޮށް، ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަކާއެކު

އެމްއެންޔޫއިން ލައިބްރަރީ ދުވަސް ފާހަގަކުރަނީ ފޮތުގެ ލޯބި އާލާކޮށް، ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަކާއެކު

އެމްއެންޔޫ ފޮތް ހަދިޔާކުރުމުގެ ހަފްތާ ފޮޓޯ: އެމްއެންޔޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޯގަސްޓު 2025، 03:13

28 އޯގަސްޓު 2025، 03:13

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ލައިބްރަރީ ދުވަހާ ގުޅިގެން ފޮތް ހަދިޔާ ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ފޮތް ކިޔުމަށް ދަރިވަރުންނާއި މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، ލައިބްރަރީގެ ތަރައްޤީއަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުމެވެ.

އެމްއެންޔޫއިން ވިދާޅުވީ މި ހަރަކާތް މިމަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް، ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާނެ ކަމަށެވެ. ފޮތް ހަދިޔާކުރުމުގެ ހަފްތާގެ ހަރަކާތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމް، ފޮތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ޑރ. ޝެހެނާޒް ވިދާޅުވީ ފޮތްތަކަކީ ދިރިއުޅުމުގައި ބާރުގަދަ އެކުވެރިއެއް ކަމަށާއި، ފޮތްތަކުން ގިނަ ކަންކަމަށް މީހާގެ ލޯ ހުޅުވި، ފޮތް ކިޔާ މިންވަރަކުން ކަންކަން އެނގި ހާމަވެގެންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހަދިޔާކުރާ ކޮންމެ ފޮތަކީ ހަމައެކަނި ހަދިޔާއެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކުގެ ތަޢުލީމާއި ކުރިއެރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެމްއެންޔޫ ސްޓޫޑަންޓްސް އެސޯސިއޭޝަނާއި ލައިބްރަރީ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ، ދަރިވަރުންނަށާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތަޢާރަފްކޮށްދިނުމާއެކު، ދެފަރާތް ގުޅިގެން ލައިބްރަރީގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރުމެވެ.



ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާއިރު، މި ހަރަކާތް އެމްއެންޔޫގެ ހަ ލައިބްރަރީއެއްގައި ކުރިއަށްދާނެއެވެ. އެގޮތުން، ސެންޓްރަލް ލައިބްރަރީ، ހެލްތު ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބްރަރީ، ހދ. ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ، ގދ. ތިނަދޫ ކެމްޕަސް ލައިބްރަރީ އަދި އައްޑޫ ހިތަދޫ ކެމްޕަސް ލައިބްރަރީގައި މި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ކޮންމެ ލައިބްރަރީއެއްގައި ވެސް ޑޮނޭޝަން ކަލެކްޝަން ޕޮއިންޓް ހުންނާނެއެވެ. ފޮތް ހަދިޔާ ކުރުމުގެ އިތުރުން، ފައިސާގެ އެހީތެރިކަން ވެސް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ ތެރެއިން ތަޢުލީމީ ފޮތް، ހަދާ ދިރާސާ ރިސާޗު ރިޕޯޓް، ތީސިސް، ޑިސަޓޭޝަން، ވާހަކަ ފޮތް، ދިވެހި އަދި އިނގިރޭސި ފޮތް ވެސް ހަދިޔާ ކުރެވޭނެއެވެ.

ފޮތް ހަދިޔާ ކުރުމުގެ އިތުރުން، ލައިބްރަރީ ދުވަހާ ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރަސްމިއްޔާތުގައި ވެސް ވަނީ ތަފާތު އެކި ދާއިރާއަކުން ފޮތް ހަދިޔާކޮށްފައެވެ. މިގޮތުން ފޮތް ހަދިޔާކުރި ފަރާތްތަކަށް ވަނީ ހަދާނީ ސެޓްފިކެޓް ދީފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން