ޚަބަރު
އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ބަންޑާރަނައިބު
ބަންޑާރަ ނައިބު/ފޮޓޯ: ސަން އެމްވީ
އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ބަންޑާރަ ނައިބު، އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ގަތުލްއާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ހުކުމްކުރުމާއި ގުޅިގެންނެވެ. އުޝާމް މިފަދައިން ވިދާޅުވީ ރާއްޖެއިން މި މައްސަލައަށް ތަދައްހުލުވެފައިވަނީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާއި ދެކޮޅުހަދައި ގަތުލުއާންމުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ އިތުރުން، އެ ޢަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް މަގުފަހިކުރުމަށްޓަކައި ކަމަށެވެ.
ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައި.ސީ.ޖޭ. އިން ކަނޑައެޅުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް ވެސް ވިދާޅުވިއެވެ.
"ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ"
އުޝާމް ވިދާޅުވިއެވެ.
މިއީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމު މައްސަލައިގައި އައިސީޖޭ އިން މިފަދައިން ޒިންމާ އުފުލަންޖެހޭކަމަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި ހުކުމުގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޔާ އެތައް ހާސް އާންމު ރައްޔިތުންނެއް މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާގެ ޢަމަލުތައް ހިންގައި، ކުޑަކުދިންނާ ދެކޮޅަށް އިންތިހާއަށް އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށާއި ޤަތުލުޢާންމު ހުއްޓުވުމަށާއި، އެކަން ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާއިން ނުކުޅެދިފައިވާ ކަމަށްވެސް މި ހުކުމުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ މުއާހަދާގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްހުލުވާނެކަން އެންމެ ފުރަތަމަ އިއުލާންކުރި ގައުމަކީ ރާއްޖެއެވެ. މި މައްސަލައިގައި ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓަރ އަދި ޕްރޮފެސަރ އަމާލް ކްލޫނީ އާއި، ބެރިސްޓަރ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭސީއެވެ.