ޚަބަރު
ކެރެޓްގެ ސަޕްލައި މައްސަލަ ހައްލުވެއްޖެ، އަގުބޮޑުކޮށް ނުވިއްކުމަށް މިނިސްޓަރު އެދިވަޑައިގެންފި
އިކޮނޮމިކް މިނިސްތަރު މުަހައްމަދު ސައީދު އިންޓަވިއު ދެއްވަނީ - ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، ވިޔަފާރިވެރިން އަގުބޮޑުކޮށް ކެރެޓު ނުވިއްކުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިލްތިމާސްކުރައްވައިފިއެވެ.
މާލޭގެ ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު ކުއްލިއަކަށް 170 ރުފިޔާއަށް އަރައިގެން ދިޔައީ ސަޕްލައި ކުރުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މުދާ ގެނައުމުގައި މައްސަލަ ދިމާވި އަމިއްލަ ކުންފުނިތަކުގެ މުދާތައް މިހާރު ޕޯޓުން ކްލިއާކޮށް ނިމިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބާޒާރުގައި ދެން އަގުބޮޑުކޮށް މުދާ ނުވިއްކާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވިއެވެ.
ކެރެޓުކިލޯގެ އަގާއި ގުޅިގެން އަޅުގަނޑާއި ކުރެއްވިސުވާލަކީ އަގުބޮޑުވި ސަބަބު ބުނެދޭން. ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވި ކަމަށް ބެލިބެލުމުން އެނގުނު. ނަމަވެސް ޝޯޓޭޖު އައިއިރުވެސް އެސްޓީއޯއިން 40ރ އަށް ކިލޯ ލިބެންހުރި. އަދި މިހާރު ސަޕްލައި މައްސަލަދިމާވި ކުންފުނިތަކުގެ މުދާވެސް ވަނީ ކުލިއަރ ކުރެވިފައި ކަމަށް ބެލިބެލުމުން އެނގުނު. ވީމާ އަގު ބޮޑުކޮށް ނުވިއްކަވާނެކަމަށް އުއްމީދުކުރަން. ހަމައެއާއިއެކު ހަމަމިވަގުތުވެސް އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނާސް ކްލިއަރ ކުރަމުން އެބަދޭ.
— Mohamed Saeed (@em_saeed) November 22, 2026
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ބާޒާރުގައި އަގުތައް އުފުލިގެން ދިޔަ ދަނޑިވަޅުގައިވެސް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ މެދުވެރިކޮށް ކެރެޓް ކިލޯއެއް 40 ރުފިޔާގެ ހެޔޮ އަގުގައި މެދުކެނޑުމެއްނެތި ލިބެން ހުއްޓެވެ. އަދި މިހާރު ވެސް އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ބާޒާރުގައި އަސާސީ ކާބޯތަކެތީގެ އަގު އުފުލެމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން އެސްޓީއޯ އިން ވަނީ އެ ކުންފުނިން ތަކެތި ވިއްކާ ރަސްމީ އަގުތައް އާންމުކޮށްފައެވެ. އެގޮތުން އެސްޓީއޯގައި މިވަގުތު ތަކެތި ވިއްކަމުންދާ އަގުތަކަކީ:
ކެރެޓް ކިލޯއެއް: 40 ރުފިޔާ
ލޮނުމެދު ކިލޯއެއް: 50 ރުފިޔާ
ފިޔާ ކިލޯއެއް: 15 ރުފިޔާ
އަލުވި ކިލޯއެއް: 12 ރުފިޔާ
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އަސާސީ އެއްވެސް ބާވަތެއްގެ ކާބޯތަކެތީގެ ދަތިކަމެއް ނުވަތަ ޝޯޓޭޖެއް ރާއްޖޭގައި ނެތެވެ. އަދި ކުރިއަށް އޮތް ތަނަށް ބޭނުންވާ ވަރަށް އެ ތަކެތީގެ ސްޓޮކް އެބަހުރި ކަމަށާއި، މި ހަފުތާގެ ތެރޭގައި ވެސް ކެރެޓުގެ އާ ސްޓޮކެއް އެތެރެކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.