ޚަބަރު
ރޮހިންގާ މައްސަލައިގައި ރާއްޖެއިން ހުށަހެޅި ގާނޫނީ ނުކުތާތައް ބަލައިގަނެ އައިސީޖޭއިން ހުކުމެއް އިއްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ބަނޑާރަ ނައިބު އަހުމަދު އުޝާމް - ފޮޓޯ: އޭޖީ އޮފީސް
ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ގަތުލުއާންމުގެ މައްސަލައިގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ތާރީޚީ ހުކުމުގައި ދިވެހިރާއްޖެއިން ހުށަހެޅި ގާނޫނީ ވަރުގަދަ ނުކުތާތަކަށް އެ ކޯޓުން ފުރިހަމައަށް ތާއީދުކޮށްފިއެވެ.
މިޔަންމާއިން ރޮހިންގާ ދަރިކޮޅު އެއްކޮށް ނައްތާލުމުގެ ނިޔަތުގައި ނުރައްކާތެރި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އައިސީޖޭއިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ކޯޓުގެ ރައީސް ޔޫޖީ އިވަސާވާ ހުކުމް އިއްވަވަމުން ހާމަކުރެއްވި ގޮތުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ ގާތްގަނޑަކަށް 10،000 އެއްހާ މީހުން މަރައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކަށް ޖިންސީ އަނިޔާއާއި ލާއިންސާނީ އަނިޔާތައް ދީފައިވާކަން ވަނީ ސާބިތުވެފައެވެ. މިޔަންމާ އަސްކަރިއްޔާއިން މިއީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "އާސާ" އިން ދިން ހަމަލާތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެ ދެއްކި ވާހަކަތައް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
މި މައްސަލައަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށް، އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި 11 ނޮވެމްބަރު 2019 ގައި ދަ ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ގޮތުން މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިއުލާނުކުރި ގައުމަކީ ދިވެހިރާއްޖެއެވެ.
މި މައްސަލައިގައި ރާއްޖޭގެ ފަރާތުން އެންމެ އިސް އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ހަރަކާތްތެރިވެވަޑައިގެންނެވިއިރު، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރެއްވީ މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ ބެރިސްޓާ އަދި ޕްރޮފެސާ އަމާލް ކްލޫނީގެ އިތުރުން ޕްރޮފެސާ ފިލީޕާ ވެބް ކޭސީއެވެ.
ނޫސް ބަޔާން: ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ޤަތުލުޢާންމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެކަމަށް ކަނޑައަޅައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޙުކުމްކުރުން ލިންކް: https://t.co/5lpclciCk8 https://t.co/x5TA9rxGOQ
— AG Office Maldives (@AGOmv) November 22, 2026
މި މައްސަލައިގެ ތެރެއިން ރާއްޖެއިން ވަކާލާތުކުރި މައިގަނޑު އަސާސްތަކަށް ކޯޓުގެ ހުކުމުގައި ވަނީ ވަރަށް ބޮޑަށް ބުރަދަން ދީފައެވެ. އޭގެ ތެރޭގައި:
- ގައުމެއްގެ އިމުގެ ތެރޭގައި ގަތުލުއާންމެއް ހިންގައިފި ކަމުގެ އެކަށީގެންވާ ހެކި ފެންނަ ހިނދުން ފެށިގެން، ލަސްނުކޮށް އަވަހަށް، މިނިވަންކަމާއި ހެޔޮ ނިޔަތުގައި އެކަން ތަހުގީގުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރި ނުކުތާ. (މި ނުކުތާއަށް ދަ ގެމްބިއާއިން ވެސް ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.)
- ގަތުލުއާންމު ހިންގި ފަރާތްތަކުގެ ޝަރީއަތްތައް ހިންގަންވާނީ މިނިވަން އަދި އިންސާފުވެރި މާހައުލެއްގައި ކަމަށާއި، ކަނޑައަޅާ އަދަބަކީ އެފަދަ ލާއިންސާނީ އަމަލުތައް ތަކުރާރުވިޔަނުދީ ހުއްޓުވޭ ފަދަ ހަރުކަށި އަދަބަކަށް ވާންޖެހޭނެ ކަމަށް ބުނެ ރާއްޖެއިން ހުށަހެޅި ހުށަހެޅުން.
- މިފަދަ ބޮޑެތި ޖަރީމާތައް ހިންގާ އެންމެނަށް ދައުވާކޮށް އަދަބު ދެވޭނެ ގާނޫނީ ހަރުދަނާ ނިޒާމުތައް ދައުލަތްތަކުގައި ގާއިމުވެފައި އޮންނަންޖެހޭނެ ކަމަށް ރާއްޖެއިން ބާރުއެޅި ނުކުތާ.
މި ތާރީޚީ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައަށް ވަނީ ގަތުލުއާންމު ހިންގާ ފަރާތްތައް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލައި، އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ. އަދި ދައުލަތުގެ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތެއް ނަމަވެސް، މި ޖަރީމާއަށް ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އައިސީޖޭއިން ނިންމި ނިންމުމަކީ އިންސާފަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައާއި، ބޮޑެތި ޖަރީމާތަކަށް އިންސާފު ހޯދައިދިނުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.