Ads by Farudhun

ޚަބަރު

ދޮންދަރިއެއް ނުހުންނާނެ ކަމަށް ވިދާޅުވެ ޝާހިދު ނެންގެވި ދިފާއު ބަލައިނުގަތް

ދޮންދަރިއެއް ނުހުންނާނެ ކަމަށް ވިދާޅުވެ ޝާހިދު ނެންގެވި ދިފާއު ބަލައިނުގަތް

ކުރީގެ އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު - ފޮޓޯ:

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ނޮވެމްބަރު 2026، 09:21

22 ނޮވެމްބަރު 2026، 09:21

އޭނާގެ އެއްވެސް ދޮންދަރިއަކު ނުހުންނާނެ ކަމަށާއި، ބަންދުކުރަން ހުށަހެޅި ފޯމުގައި ނެތް ތުހުމަތަކަށް ބަންދުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ފަރާތުން ހައިކޯޓުގައި ނެންގެވި ދިފާޢުތައް ބަލައިނުގަނެ، އޭނާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދަމަހައްޓަން ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ޝާހިދު ހައްޔަރުކުރުމަށްފަހު، ކްރިމިނަލް ކޯޓުން އޭނާ 30 ދުވަހަށް ބަންދުކުރަން އަމުރުކުރީ ނޮވެންބަރު ތިންވަނަ ދުވަހުއެވެ. މި އަމުރު ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އާންމުކޮށް ހުޅުވާނުލައި ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ނިންމުން ހައިކޯޓުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

ހައިކޯޓުގައި ޝާހިދު ވަގުތުން މިނިވަންކުރުމަށް އެދި އޭނާގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރިއެވެ. އެގޮތުން، ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި ފޯމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައިވީ ނަމަވެސް، އޭނާގެ އެއްވެސް ދޮންދަރިއަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ފޯމުގައި ނެތް އެހެން ތުހުމަތެއްގެ މައްޗަށް ބަލައި ބަންދުކުރީ އިޖުރާއަތާ ޚިލާފަށް ކަމަށާއި، ބަންދުކުރަން ހުށަހެޅި ހެކިތަކަކީ ޤާނޫނުގައި ބަޔާންކުރާ 'އިވުނު ކަމަށް ބުނާ' ޝަރުޢީ ގޮތުން ބަލައިނުގަނެވޭނެ ހެކިތަކެއް ކަމަށްވެސް ފާހަގަކުރިއެވެ. މީގެއިތުރުން، ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ޤަޟިއްޔާއާ ޙަވާލާދީ، މިފަދަ މައްސަލަތަކުގެ އަސާސަކީ ކުއްޖާގެ ބަސް ކަމަށްވާއިރު، ތަޙުޤީޤަށް އަދި މިހާތަނަށް ކުއްޖާގެ އެއްވެސް ބަހެއް ނުވަތަ އިންޓަވިއުއެއް ނެތުމުން ބަންދުގައި ބަހައްޓަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މި ނުކުތާތަކަށް ރައްދުދެމުން ދައުލަތުން ބުނީ، ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް ފޯމުގައި ބަޔާންކުރީ ތަޙުޤީޤަށް ލިބުނު ބަޔާންތަކުން ކުއްޖާ އޭނާއަށް "ބައްޕި" ގެ ގޮތުގައި މުޚާޠަބުކުރާކަން އެނގޭތީއާއި، އެއީ ދޮންބައްޕަގެ ގޮތުގައި ކުއްޖާ ދެކޭކަން ސާފުވާތީ ކަމަށެވެ. އަދި ބަންދުގެ މަރުޙަލާއަކީ ކުށް ސާބިތުކުރުމުގެ މަރުޙަލާ ނޫން ކަމަށާއި، ތަޙުޤީޤުގެ މި މަރުޙަލާގައި ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި އެބަހުރި ކަމަށް ދައުލަތުން ބަޔާންކުރިއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ވަނީ ތާއީދުކުރައްވާފައެވެ. ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި ނިންމެވުމުގައި ވަނީ، ދޮންދަރިއެއް ކަމާމެދު ދެބަސްވުން އޮތް ނަމަވެސް، ދައުލަތުން ބަޔާންކުރާ ގުޅުމަށް ބާރުދޭ ކަންކަން ފުރަތަމަ ނަޒަރުން އެނގެން އޮތް ކަމަށެވެ. އަދި ހައްޔަރުކޮށް ދިން ޤާނޫނީ އިންޒާރުގައި ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތު ސާފުކޮށް ބަޔާންކޮށްފައިވާތީ، ނުކުރާ ތުހުމަތަކަށް ބަންދުކުރި ކަމަށް ނުބެލެވޭނެ ކަމަށެވެ.

ހައިކޯޓުގެ ޙުކުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ މަފްތޫޙް ސަޢީދު ޤަޟިއްޔާގައިވާ ގޮތުން ތަޙުޤީޤު މަރުޙަލާގެ ބަންދަކަށް ބޭނުންވަނީ ކުށް ސާބިތުކުރުމުގެ ހެކި ނޫން ކަމަށާއި، ބޭނުންވަނީ "ކޮންމެވެސް މިންވަރެއްގެ ހެކި" ކަމަށެވެ. އަދި މުޚްތާރު ޤަޟިއްޔާއަކީ ޝަރީޢަތުގައި ކުށް ސާބިތުކުރުމުގެ މަރުޙަލާގެ އުސޫލެއް ކަމަށާއި، ތަޙުޤީޤުގެ މި މަރުޙަލާގައި ކުއްޖާގެ ބަޔާން ނެތް ނަމަވެސް، ކުއްޖާ ވާހަކަ ކިޔައިދިން މީހުންގެ ބަޔާންތަކުގެ މައްޗަށް ބިނާކޮށް ބަންދުކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ބާތިލުކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ޝާހިދު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450