ޚަބަރު
މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގައި 1000 އަށް ވުރެ ގިނަ ބައިވެރީން

މިދިޔަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތް.

ފަރުދުން
02 ސެޕްޓެމްބަރު 2025، 03:03
02 ސެޕްޓެމްބަރު 2025، 03:03
މިސެޕްޓެމްބަރު މަހު ފަށާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ. މިގޮތުން، މިއަހަރުގެ މުބާރާތުގައި 1003 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ހަފުތާއެއްގެ މުއްދަތަށް ދެމިގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ކިޔެވުންތައް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.
މިއަހަރު ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ފަރާތެއް އަދި ނުބަލާ ކިޔެވުމުގެ ބައިން 166 ފަރާތެއް ބައިވެރިވާނެއެވެ. މީގެ އިތުރުން، ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން 190 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފިން 172 ދަރިވަރުން ބައިވެރިވާނެއެވެ. ޙާފިޡުންގެ ބައިން މިއަހަރު ބައިވެރިވާނީ 29 ފަރާތެކެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ޢާންމުކޮށްފައިވާ ގޮތުގައި، އެހެނިހެން ކެޓަގަރީތަކުން ވެސް ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ބަލައިގެން ކިޔެވުމުގެ ބައިން 181 މީހުންނާއި، ނުބަލާ ކިޔެވުމުގެ ބައިން 75 މީހުން ބައިވެރިވާނެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް، މިފަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޙާފިޡުންގެ ބަޔާއި، ސްކޫލް ކުދީންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.
މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މުޅި މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ޙާޞިލުކުރާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއް ދެއްވާނެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަހަރީ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހީންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޡާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.