ދުނިޔެ

ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދު ކުޑަވެ ޓްރަމްޕް ޕޫޓިންއާއި މެދު ނުރުހިއްޖެ

ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދު ކުޑަވެ ޓްރަމްޕް ޕޫޓިންއާއި މެދު ނުރުހިއްޖެ

ޑޮަނަލްޑް ޓްރަމްޕް އަދި ޕޫޓިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 12:02

03 ސެޕްޓެމްބަރު 2025، 12:02

ރަޝިޔާ އާއި ޔޫކްރެއިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދު ކުޑަވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަދިމިރް ޕޫޓިން އާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. 

 

އަންގާރަ ދުވަހު ރޭޑިއޯ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އަޅުގަނޑުމެންގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮތް. އެކަމަކު ރައީސް ޕޫޓިންއާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށެވެ. އަދި މާނައެއްނެތް ހަނގުރާމައެއްގައި ހާހުން މީހުން މަރުވަމުންދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޯވް މިއަދު ވިދާޅުވެފައިވަނީ ޔުކްރެއިނާއެކު މަޝްވަރާތައް އަލުން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދެ ފަރާތުގެ ވަފުދުތަކުގެ އިސްވެރިން ސީދާ މުއާމަލާތްތައް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރަޝިޔާއިން ބޭނުންވަނީ ކްރައިމިއާ އަދި ޑޮންބާސް އަދި ނޮވޮރޮސިޔާ ސަރަހައްދުތައް ރަޝިޔާއަށް ގުޅާލާފައިވާކަން ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރުމެވެ. ނަމަވެސް ޔުކްރެއިން ވަނީ އެ ޤައުމުގެ އެއްވެސް ސަރަހައްދެއް ރަޝިޔާއަށް ދޫކޮށްލުމަށް އިންކާރުކޮށްފައެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނެފައިވަނީ ވޭތުވެދިޔަ ރޭ ޔުކްރެއިންގެ 105 ޑްރޯން ވަނީ ވައްޓާލެވިފައި ކަމަށެވެ. އަދި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިޔާއިން 200 އަށްވުރެ ގިނަ ޗައިނީޒް ޑްރޯން ޔުކްރެއިނަށް ދޫކޮށްފައިވާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން