ވިޔަފާރި / ޚަބަރު
ކަނޑުމަގުން ރާއްޖެއަށް އެތެރެކޮށް، ބޭރުކުރާ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގެ މަޢުލޫމާތު "ޓްރޭޑިއަން" މެދުވެރިކޮށް ހުށަހެޅޭނެ

ކޮންޓެއިނަރ ތަކެއް: ފޮޓޯ- ކަސްޓަމްސް

ފަރުދުން
04 ސެޕްޓެމްބަރު 2025، 12:04
04 ސެޕްޓެމްބަރު 2025، 12:04
ކަނޑުމަގުން ރާއްޖެ އެތެރެކޮށް، ބޭރުކުރާ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގގެ މަޢުލޫމާތު "ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅޭނެ ކަމަށް އެ ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑު މަގުން ރާއްޖެއަށް މުދާ ގެންނަ ޙާލަތްތަކުގައާއި ރާއްޖެއިން މުދާ ބޭރުކުރާ ޙާލަތްތަކުގައި، ކަސްޓަމްސް ޢާންމު ގަވާއިދުގެ ނުވަވަނަ ބައިގެ ތިންވަނަ ބާބުގެ ދަށުން، އެފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ.
އަދި މި ގަވާއިދުގެ ދެވަނަ ބައިގެ ހަވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އެހެންކަމުން ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، މިފަދަ މުދަލުގެ ހައުސް ބިލް އޮފް ލޭޑިންގތަކުގެ މަޢުލޫމާތު، މާސްޓަރ ބިލް އޮފް ލޭޑިންގގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯވަރޑަރު، ކަސްޓަމްސްއަށް ހުށަހަޅަންވާނެ ކަމަށް ކަސްޓަމްސްގެ އިޢުލާނުގައި ބުނެފައިވެއެވެ. އަދި މި މަޢުލޫމާތު ޓްރޭޑިއަން ޕޯޓަލް (މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ) މެދުވެރިކޮށް ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ހައުސް ބިލް އޮފް ލޭޑިންގއަކީ ފްރައިޓް ފޯވާޑަރެއް ނުވަތަ ނޮން-ވެސެލް އޮޕަރޭޓިންގ ކޮމަން ކެރިއަރައަކަށް ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ހުއްދަ އޮތްކަން އަންގައިދޭ ލިޔުމެކެވެ. ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކުރި ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.
މިއީ އިމްޕޯޓާއި އެކްސްޕޯޓަށް އެކި އިދާރާތަކުން ހޯދާ ހިދުމަތްތައް އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.