ވިޔަފާރި / ޚަބަރު

ސަރުކާރުގެ މާލީ ހަރުދަނާ ފިޔަވަޅުތަކާއެކު ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެއްޖެ

ސަރުކާރުގެ މާލީ ހަރުދަނާ ފިޔަވަޅުތަކާއެކު ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ: ދަޕްރެސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2025، 03:47

07 ސެޕްޓެމްބަރު 2025، 03:47

ސަރުކާރުން އެޅި މާލީ ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން މިއަހަރުގެ މިހާތަނަށް ވިޔަފާރިތަކަށް ދޫކުރެވުނު ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ވިޔަފާރިތަކަށް ވިއްކާފައިވަނީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު ވަނީ 73 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ވިޔަފާރިތަކުން ޑޮލަރަށް އެދި ހުށަހެޅި މިންވަރުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެކެވެ.


މި އިތުރުވުމަށް މަގުފަހިވެފައިވަނީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޢަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ އައު ޤާނޫނާ ގުޅިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޖަމާކުރުން ލާޒިމްކުރެއެވެ. މީގެ ސަބަބުން ޤައުމުގެ ޑޮލަރު ރިޒަރވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީވެސް މިއަހަރު ތެރޭގައި ރިޒާވަށް އައި ހެޔޮ ބަދަލެއްގެ މުހިންމު ސަބަބެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ފާހަގަކޮށްފައެވެ.

އައު ޤާނޫނުގެ ދަށުން ލިބޭ ޑޮލަރުގެ 30 އިންސައްތަ ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށް ބޭނުންކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓީޓީ ސަޕޯޓު ނުވަތަ ވިޔަފާރިތަކަށް ގަންނަން ބޭނުންވާ މުދާ ގަތުމަށް ދޭ ޑޮލަރު ސަޕޯޓުގެ މިންވަރުވެސް ވަނީ އިތުރުކޮށްފައެވެ

Ads by MSS

މި ލިޔުން ކިޔާލުމުން