ދުނިޔެ
އީރާނުގެ އިސްވެރިޔާގެ ހީބްރޫ އެކްސް އެކައުންޓް ސަސްޕެންޑް ކޮށްފި
އީރާނުގެ އިސްވެރިޔާ އާޔަތުއްﷲ އަލީ ޚަމެނީ ފޮޓޯ:ބީބީސީ
އީރާނުގެ އިސްވެރިޔާ އާޔަތުއްﷲ އަލީ ޚަމެނީ އާ ގުޅޭ ހީބްރޫ ބަހުން ހުޅުވާފައިވާ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓް ދެ ޕޯސްޓެއް ކުރުމަށްފަހު ސަސްޕެންޑް ކުރެވިފައިވާކަމަށް ޖެރޫސަލަމް ޕޯސްޓުން ރިޕޯޓު ކޮށްފިއެވެ.
މި އެކައުންޓުން އެންމެ ފަހުން ކޮށްފައިވާ ޕޯސްޓުގައި ވަނީ "ޒިއޮނިސްޓު ވެރިކަން ގޯސްވެއްޖެ. އީރާނާ މެެދު އެމީހުންގެ ހިސާބު ކުށަކަށްވެއްޖެ. އީރާނުގެ ގައުމަށް ލިބިފައިވާ ބާރާއި، ޤާބިލުކަމާއި، އިސްނެގުމާއި އަދި އެދުމަކީ ކޮބައިކަން އަހަރެމެން އެމީހުންނަށް އަންގައިދޭނަން" މިފަދައިންނެވެ. މި ޕޯސްޓު ކޮށްފައިވަނީ އިއްޔެ އާދިއްތަ ދުވަހުއެވެ.
މީގެ ކުރިން ހޮނިހިރު ދުވަހު ކުރި ފުރަތަމަ ޕޯސްޓުގައި ވަނީ "ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲގެ އިސްމުފުޅުން" މިހެންނެވެ. މި ދެ ޕޯސްޓަކީވެސް އިޒްރޭލުން ފާއިތުވި ހަފްތާގައި އީރާނުގެ އަސްކަރީ ލަނޑުދަނޑިތަކަށް ދިން ހަމަލާތަކަށްފަހު ކޮށްފައިވާ ޕޯސްޓުތަކެކެވެ.
ޚަމެނީގެ އެކްސް އެކައުންޓުގައި އާންމުކޮށް ހީބްރޫ ބަހުން ޕޯސްޓުތައް ކުރައްވައެވެ. އަދި މި ޕޯސްޓުތަކުގައި އިޒްރޭލާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުންކުރައްވައެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޚަމެނީ ވިދާޅުވެފައިވަނީ މި ހަމަލާތައް ބޮޑުކޮށް ދައްކަން ނުވަތަ ކުޑަކޮށް ދައްކަން ނުޖެހޭނެ ކަމަށެވެ. އިޒްރޭލުން ބޭނުންވަނީ އީރާނާ ދެކޮޅަށް އެޤައުމުން ކުރާ ކަންތައްތަކުގެ އަސަރު ބޮޑުކޮށް ދައްކަން ކަމަށާއި، ނަމަވެސް އީރާނުން މި ހަމަލާތައް މުހިންމު ނޫން ކަމެއްގެ ގޮތުގައި ދެކުމަކީވެސް ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުން ހޮނިހިރު ދުވަހު އީރާނުގެ އަސްކަރީ ތަންތަނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ދެ ސިފައިން ޝަހީދުވެފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ. އިޒްރޭލުގެ މި ހަމަލާތަކުގައި މިސައިލް އުފައްދާ ތަންތަނާއި، ސަރފަސް-ޓު-އެއަރ މިސައިލް އެރޭތަކާއި އަދި އެހެނިހެން ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.