ޚަބަރު
އއ.މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ރައީސް މުޢިއްޒު ފެރިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވާފައެވެ.
މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ ފެރިދޫއަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއް ޤާއިމުކޮށްދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މިއަދު ނެރުއްވި ނަންބަރު 2025/22 ޤަރާރުގެ ދަށުން، ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެނެސް، އެ ޤަރާރުގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ވަނީ އިތުރުކުރައްވާފައެވެ.
މި ނިންމެވުމާއެކު ފެރިދޫގެ ރައްޔިތުންނަށް އިތުރު ތަރައްޤީގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ނިންމެވުމަކީ އެ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ނިންމެވުމެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.