ދީން / ކިހިނެއް

ކުރީގައި ނުކޮށް ދޫކޮށްލާފައި ހުރި ނަމާދުތަކަށް ހަދާނީ ކިހިނެއް؟

ކުރީގައި ނުކޮށް ދޫކޮށްލާފައި ހުރި ނަމާދުތަކަށް ހަދާނީ ކިހިނެއް؟

މީހަކު ނަމާދުކުރަނީ، ފޮޓޯ: އަލް ޖުމުޢަ މެގަޒިން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2025، 06:54

09 ސެޕްޓެމްބަރު 2025، 06:54

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި ފަރުޟު ފަސް ނަމާދު ނުކުރާ އެތައް ބަޔަކު އުޅެއެވެ. ފަސް ނަމާދު ކީއްތޯއެވެ، ތިމާގެ ބިޒީ ޝެޑިއުލާ ހެދި، ދުވާލެއްގެ ހަތަރު ދަމުން އެންމެ ނަމާދެއް ނުކުރާ މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ.

މި ކަމުގައި އޮތް އެންމެ ބޮޑު ހިތާމައަކީ، ގިނަ ބަޔަކު އެ ގޮތުގައި ދެމިތިބުމެވެ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މުޖުތަމަޢާއި ދަރީންނަށް ނަމޫނާ ދައްކަން ޖެހޭ އެތައް ބަޔަކު ހިމެނެއެވެ. 

އަޅުގަނޑުމެންގެ ތެރޭގައި ހަމައެކަނި ރަމަޟާން މަހު މިސްކިތަށް ވަންނަ މީހުން ވެސް އުޅެއެވެ. ނަމަވެސް އެ މަހުގެ ވަކި ހިސާބަކުން ބަންގީގެ އަޑަށް އިޖާބަ ދިނުން އޭގެ ތެރެއިން ގިނަ ބަޔަކު ހުއްޓާލައެވެ. ބައެއް މީހުން ރަމަޟާން މަސް ނިމެންދެން ހިފަހައްޓާލައެވެ. އަދި މަދު ބަޔަކު، ނަމާދު ކުރުމަކީ ވަގުތީ ކަމެއްކަމުގައި އޮތް އޮތުން ދޫކޮށްލައި، އިސްލާޙުވެ، އެއީ އާދައެއް ކަމުގައި ހަދައެވެ. އެއީ ދުނިޔެ އާއި އާޚިރަޔުގެ ބާއްޖަވެރިކަން ހޯދުމަށެވެ.

ސުވާލަކީ، މި ގޮތަށް ނަމާދުތައް އެޅުމަށްފަހު، ހެޔޮ ވިސްނިގެން ނަމާދުކުރަން ފަށާ މީހާއަށް ކުރިން ނުކުރެވި ހުރި ނަމާދުތަކަށް ހަދާނެ ގޮތެކެވެ. 

މި ކަމުގައި އެންމެ ފުރަތަމަ އެނގެން ޖެހޭ ކަމަކީ، ގެއްލިއްޖެ ދުވަހެއް އަނބުރާ ނުލިބޭނެ ކަމެވެ. ފާއިތުވެ ދިޔަތަން ފާއިތުވެ ދިޔައީއެވެ. އެބައި ދެން ގެނެވޭކަށް ނޯންނާނެއެވެ. އެހެންކަމުން އެ ނަމާދުތައް އޭނާ ދެން ކުރާކަށް ނުޖެހޭނެއެވެ. އެއީ ކުރިޔަސް ފުދޭނެ ކަމެއް ވެސް ނޫނެވެ. 

އޭނާއަށް ދެން އޮތް ގޮތަކީ ތެދުވެރި ތަޢުބާއަކުން ތަޢުބާވުމެވެ. އަދި ދެން ދުވަހަކު ވެސް ފަރުޟު ނަމާދެއް ނޭޅުމަށް އަޒުމު ކަނޑައަޅައި، އާދަކޮށް ނަމާދު ޤާއިމްކުރަން ފެށުމެވެ. ފާއިތުވެ ދިޔަ ތާނގައި ދޫކޮށްލި ނަމާދުތައް ހޯދެން އޮންނާނެ ހަމައެކަނި ގޮތަކީ، އޭނާ اللهގެ މަގަށް ރުޖޫޢަވުމަށްފަހު ވެފައިވާ ތަޢުބާގައި އިތުރަށް އިޚްލާސްތެރިވެ، ގިނަގިނައިން ތަޢުބާވެ، ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް، ސުންނަތް ނަމާދު ގިނަ ކުރުމެވެ. 

އެހެންކަމުން، އެ މީހާގެ ތަޢުބާއަކީ އިޚުލާސްތެރި ތަޢުބާއަކަށް ހަދައި، ހެޔޮ ޢަމަލުކުރުމުގައި އެމީހެއްގެ މަރުދުވަހާ ހަމައަށް ދެމިހުރެއްޖެނަމަ، ޖާހިލުކަމުން ސަބަބުން ނުކުރެވި ހުރި ނަމާދުތަކުގެ ސަވާބު އެމީހަކަށް އާޚިރަތް ދުވަހުން ދެއްވާނެކަމުގެ ޚަބަރު ދެއްވާފައި ވެއެވެ. 

***

ނޯޓު: މިއީ ޑރ. އާދަމް ޝަމީމްއާ މީހަކު ކުރެއްވި ސުވާލަކަށް ޝެއިޚް ދެއްވި ޖަވާބެވެ.

މި ލިޔުން ކިޔާލުމުން